ސޯބެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޢަބްދުﷲ ޞާދިގު (ސޯބެ)، މަޖިލީހުގެ މެންބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞާދިގަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ހުވާކުރެއްވުމަށްފަހު ޞާދިގު ވަނީ މެންބަރުކަމުގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024ވަނަ އަހަރުގެ އާންމު އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުވި އަޙްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. މި މަހުގެ 6ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން ޞާދިގު ކާމިޔާބު ކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ.
މަޖިލީހުގައި ޞާދިޤު ތަމްސީލުކުރައްވަނީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. ޞާދިޤު ހުވާކުރެއްވުމާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ވަނީ 13އަށް އިތުރުވެފައެވެ. 2024ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.
ޢަބްދުﷲ ޞާދިޤަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރުގެ އިތުރުން، އެ ސިޓީގެ މޭޔަރުކަން ޖެހިޖެހިގެން ތިން ދައުރު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނިމިދިޔަ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 74 މެންބަރުންނަކީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މެންބަރުންނެވެ. މީގެ އިތުރުން އެމްޑީޕީގެ 13 މެންބަރުންނާއި، އެމްޑީއޭގެ ދެ މެންބަރުންނާއި، ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީގެ ކޮންމެ ޕާޓީއަކުން މެންބަރެއްގެ އިތުރުން، މިނިވަން ދެ މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.






ރިއެކްޓް