ސިޔާސީ

އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް "ޕީއެންސީ ޝަކީލު" އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި

15 ޖޫން 2026 - 19:20
އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް "ޕީއެންސީ ޝަކީލު" އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް، މިހާރު ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ޕީއެންސީގެ ސެނެޓް މެންބަރު މުހައްމަދު ޝަކީލް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު އިސްތިއުފާ ދެއްވީ ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ފަހުގައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ޝަކީލް އެ މަގާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި ސިޓީފުޅު އިއްވާފައެވެ. އެ ސިޓީގައި އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ހިމަނާފައިވީ ނަމަވެސް، ރައީސް އިސްކަންދެއްވައި އިހްތިޔާރު ކުރެއްވީ ޝަކީލްގެ ނަންފުޅު އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި، ޢަބްދުލްޙަސީބް އިސްމާޢީލްގެ އިތުރުން އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲއެވެ.

މުހައްމަދު ޝަކީލަކީ ސަރުކާރު ހިންގާ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ ނަން ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0