އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިމީ ކޮމިޓީތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ މެންބަރުންނަށް އެ ކޮމެޓީތަކުގެ މެންބަރުންނަށް މިއަދު ހުޅުވާލައިފިއެވެ.
އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޕާޓީގެ އެކި ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދުން ފެށިގެން 23 ޖޫން 2026 ގެ ނިޔަލަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޑީޕީން ވަނީ ޖުމްލަ 23 ކޮމިޓީއަކަށް މެންބަރުން ހޯދުމަށް އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ޕާޓީގެ އެތެރޭގެ ހިންގުމާ ގުޅުންހުރި މެންބަރޝިޕް ކޮމިޓީ، އިންތިހާބާ ބެހޭ ކޮމިޓީ، ކެންޕޭން ކޮމިޓީ، ޗަންދާ ކޮމިޓީ، އަދި މީޑިއާ ކޮމިޓީ ހިމެނެއެވެ. މީގެ އިތުރުން ގާނޫނީ ކޮމިޓީ، ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީ، އަދި ލާމަރުކަޒީ ކޮމިޓީ ފަދަ މުހިންމު ކޮމިޓީތައް ވެސް ހިމެނެއެވެ.
ޕާޓީގެ ސިޔާސަތުތައް ދިރާސާކޮށް ކުރިއެރުވުމަށްޓަކައި ތަފާތު ދާއިރާތަކަށް ހާއްސަ ކޮމިޓީތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަން، ޓޫރިޒަމް، ތައުލީމް، ސިއްހަތު، ގެދޮރުވެރިކަން، އަދި ތިމާވެއްޓާ ގުޅޭ ކޮމިޓީތައް ހިމެނެއެވެ. އަދި އިގްތިސާދީ ދާއިރާއިން މެކްރޮއިކޮނޮމިކް ކޮމިޓީއާއި އެސް.އެމް.އީ ކޮމިޓީގެ އިތުރުން، ޕާޓީގެ ފިކުރީ މަސައްކަތްތަކަށް ހާއްސަ 'ތިންކް ޓޭންކް' އެއް ވެސް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.
މި ކޮމިޓީތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ އެމްޑީޕީގެ މެންބަރުން، އެ ބޭފުޅެއްގެ ފުރިހަމަ ނަމާއި، ގުޅޭނެ ނަންބަރު އަދި ބައިވެރިވާން ބޭނުންވާ ކޮމިޓީގެ ނަން އެނގޭނޭހެން ޕާޓީގެ ސެކްރެޓޭރިއަޓަށް އީމެއިލް ކުރެއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ. އީމެއިލް ކުރަންޖެހެނީ [email protected] އަށެވެ.






ރިއެކްޓް