ސިޔާސީ , ޚަބަރު

އެމްޑީޕީގެ މެންބަރުންގެ މައްޗަށް ދައުވާ އުފުލީ ހެކިނެތި، ޖެހޭނީ ހެކި އުފައްދަން: ރައީސް ނަޝީދު

17 ޖޫން 2026 - 13:53
އެމްޑީޕީގެ މެންބަރުންގެ މައްޗަށް ދައުވާ އުފުލީ ހެކިނެތި، ޖެހޭނީ ހެކި އުފައްދަން: ރައީސް ނަޝީދު

އޮކްޓޯބަރު 3، 2025، ގައި މާލޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އަށް މެންބަރެއްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެސް ހެއްކެއް ނެތި ކަމަށާއި، ދެން ޖެހޭނީ ހެކި އުފައްދަން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ޖިނާއި އަދުލުގެ ނިޒާމުގައި ފުރިހަމަވާން ޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. "ޕްރޮސެކިއުޓާ ޖެނެރަލް މި ދައުވާ އުފުލާފައި މިވަނީ ބޭނުންވާ ހެކި، އެކަށީގެންވާ ހެކި ނުހޯއްދަވައި. ހަގީގަތުގައި ހެއްކެއް ނުވެސް ނެތް، ހެއްކެއް ނެތުމުން ދެން ފެބްރިކޭޓު ކުރެވޭނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ ދައުވާތަކަކީ ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވުމުގެ ކުރިން ރާއްޖޭގައި އަމަލުކުރަމުންދިޔަ ގޮތަށް، ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ދައުވާތަކެކެވެ. އަދި މި މައްސަލަތައް ބައިނަލްއަގުވާމީ ކޯޓުތަކަށް ގެންދިއުމަކީ އެ ޕާޓީގެ މަސްއޫލިއްޔަތެއް ކަމަށާއި، އެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

  • ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
  • ހުޅުމާލެ އުތުރު ކައުންސިލަރު ފާތިމަތު ޒަހިއްޔާ
  • އަބްދުއްސަލާމް
  • މުހައްމަދު ހަމާއިދު އަބްދުލްޣަނީ
  • އަލީ ނައުފަލް
  • އައިޝަތު ނަޖުދާ އަލީ
  • އަލީ މުއައްވަޒު
  • ހުސައިން ރަޝީދު

މި މައްސަލަތަކުގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތްތައް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ. ނަޝީދު ތަކުރާރުކޮށް ވިދާޅުވީ މިއީ ޝައްކެއްވެސް ނެތް ގޮތުގައި ސިޔާސީ ނުފޫޒުން ކުރިއަށްގެންދާ މައްސަލަތަކެއް ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0