އެމްޑީޕީގެ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖު ފަށައިފި
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޭއިންސާފުން ހިންގަމުން އަމަލުތައް ހުއްޓާލުމަށް ގޮވާލާ "ވަޒީފާ ބުރާސްފަތި" ނަމުގައި އެމްޑީޕީން ބާއްވާ އިހުތިޖާޖު ރަސްފަންނު ސަރަހައްދުން ފަށައިފިއެވެ.
ރައީސް ނަޝީދުގެ ޗެއާޕާސަންކަމުގައި އެމްޑީޕީން ބާއްވާ ފުރަތަމަ މަގުމަތީ ހަރަކާތަށް ދާދި ދެންމެއަކު ރައީސް ނަޝީދު ވަނީ ވަޑައިގެންފައެވެ.
ނަޝީދު ވަނީ ޗެއާޕާސަން ކަމަށް އިންތިޚާބު ކާމިޔާބުކުރައްވައި ތާއީދުކުރާ ފަރާތްތަކާއި ދެއްކެވި ވާހަކަފުޅުގައި މުވައްޒަފުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ސީދާ ހަރަކާތަށް ނުކުންނަވާނެކަން އިއުލާންކުރައްވާފައެވެ.
މިރޭގެ އިހުތިޖާޖަށް ހުރަސްއެޅުމަށް ފުލުހުން ތައްޔާރީ ހާލަތުގައި ރަސްފަންނާއި ކައިރި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު އެސްއޯ ފުލުހުން ރިޔަޓް ގިޔަރުގައި މި ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ދާދި ފަހުން ނިމިގެންދިޔަ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަނުގައި އެމްޑީޕީގެ ކެނޑިޑޭޓުގެ ކެންޕޭނުގައި މަސައްކަތްކުރި 10 މީހަކު ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެ އިންތިޚާބުގެ އެމްޑީޕީ ކެނޑިޑޭޓް ސޯބެ ވިދާޅުވެފައިވާއިރު، ޤާނޫނުން ލިބެންޖެހޭ ހައްޤުތަކެއް ނުލިބުމުން އިހުތިޖާޖުކުރި ވެމްކޯގެ މުވައްޒަފުންތަކެއްވެސް ވަނީ ދާދިފަހުން ވަކިކޮށްފައެވެ. އަދި މީގެ އިތުރުން ރައީސް ނަޝީދުގެ ޗެއާޕާސަން ކެންޕޭން ހަރަކާތުގައި ބައިވެރިވި ބައެއް މީޙުންވެސް ވަޒީފާއިން ސަސްޕެންޑުކޮށް ބައެއް ފަރާތްތައް ވަޒީފާއިން ވަކިކޮށްފާިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ.
މިރޭ މި ފެށި އިހުތިޖާޖަކީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް އެމްޑީޕީން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ފުލުހުންގެ ހަރަކާތްތައް ހުރިގޮތުން އިހުތިޖާޖަށް ހުރަސްއަޅާނެ ކަމަށް ބެލެވެއެވެ.







ރިއެކްޓް