އެމްޑީޕީގެ އިހުތިޖާޖާ ދިމާކޮށް މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ
އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޭއްވުމަށް އިންތިޒާމުކޮށްފައިވާ އިހުތިޖާޖާ ދިމާކޮށް، މާލޭގެ އެކި ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސް ބައެއް މަގުތައް ބަންދުކުރުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިރޭ 20:00 އިން ފެށިގެން ދަމުގެ 00:00 އާ ހަމައަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ނިންމުމަކީ އެމްޑީޕީން ބޭއްވުމަށް ރާވާފައިވާ އިހުތިޖާޖަށް ހުރަސްއެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭއިރު، ފުލުހުން ބުނެފައިވަނީ މިއީ ޓްރެފިކް ބެލެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. މި ވަގުތުތަކުގައި މާލޭގެ ބައެއް މަގުތަކުން ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ އާންމުން އެކަމަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްޑީޕީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖަކީ ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ފިކުރާއި ގުޅުވައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތާ ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނެރުމަށް ވަނީ ނިންމާފައެވެ.






ރިއެކްޓް