މިރޭގެ އިހުތިޖާޖަކީ ސުލްހަވެރި އިހުތިޖާޖެއް، ފުލުހުންގެ އެއްބާރުލުން ލިބޭނެ: އެމްޑީޕީ
މިރޭ "ވަޒީފާ ބުރާސްފަތި" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖަކީ ސުލްހަވެރި ހަރަކާތެއް ކަމަށާއި، މިކަމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް މައި އިދިކޮޅު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ބުނީ އިހުތިޖާޖާ ގުޅޭގޮތުން މިއަދު ހެނދުނު ފުލުހުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނި ގޮތުގައި "ވަޒީފާ ބުރާސްފަތި" މި ނަމުގައި ކުރިއަށްގެންދާ މި އިހުތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ރަސްފަންނު ސަރަހައްދުންނެވެ. މި ހަރަކާތަކީ ކުރިންވެސް ރޭވިފައިވާ ގޮތަށް، ރަސްފަންނުން ފަށައިގެން އާޓިފިޝަލް ބީޗާ ހަމައަށް ކުރިއަށް ގެންދާ އިހުތިޖާޖެއް ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.
މި އިހުތިޖާޖު ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ވަޒީފާތަކުން ނާއިންސާފުން ވަކިކުރަމުންދާ ފަރާތްތަކާއި، ސަސްޕެންޑުކުރަމުންދާ މުވައްޒަފުންގެ ހައްގުގައި އަޑުއުފުލުން ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ، އެކަމާ ދެކޮޅު ހެދުމަކީވެސް މި ހަރަކާތުގެ ބޭނުމެއް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.
އެމްޑީޕީގެ ރެކޯޑްތަކަށް ބަލާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑުކޮށްފައިވާ މައްސަލަތައް އެ ޕާޓީއަށް ހުށަހެޅިފައިވެއެވެ. "ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި މިހާރުވެސް އަޅުގަނޑުމެންގެ ލީގަލް ޓީމުން ތަމްސީލުކުރަމުންދާ މައްސަލަތަކުގެ އަދަދު 60 އަށް އަރާ،"ހުސެއިން ވިދާޅުވިއެވެ. މީގެ އިތުރުން މިދިޔަ އަންގާރަ ދުވަހު އެކަނިވެސް އިތުރު 10 މައްސަލައެއް ލީގަލް ޓީމަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ހާމަކުރިއެވެ.
އެމްޑީޕީން ބުނީ މި މައްސަލަތަކާ ގުޅިގެން ކެނޑިނޭޅި ވާހަކަދައްކަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، މުވައްޒަފުންގެ ހައްގުގައި މަގުމައްޗަށް ނުކުންނަން ނިންމީ އެ ޕާޓީން މަޑުން އޮންނަން ބޭނުން ނުވާތީ ކަމަށެވެ. މި މައްސަލަތަކުގެ މައުލޫމާތު އެ ޕާޓީގެ ލީގަލް ޓީމުން މީޑިއާތަކާ ހިއްސާކުރަމުންދާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.






ރިއެކްޓް