ސިޔާސީ , ޚަބަރު

އަޅުގަނޑަކީ ސިޔާސީ ކަމެއްގައި އެއްވެސް މީހަކާ ޒާތީ ވާނެ މީހެއް ނޫން: ފައްޔާޒް

26 ޖޫން 2026 - 16:09
އަޅުގަނޑަކީ ސިޔާސީ ކަމެއްގައި އެއްވެސް މީހަކާ ޒާތީ ވާނެ މީހެއް ނޫން: ފައްޔާޒް
ފޮޓޯ: ދައުރު ނޫސް

ސިޔާސީ މަސައްކަތްތަކުގައި އެއްވެސް ބޭފުޅަކާ ޒާތީ ވެގެން މައްސަލަޖެހުމަކީ އެބޭފުޅާ ކުރައްވާނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

"ދައުރު" ނޫހުން ގެނެސްދޭ "އެއްބަސްވެ ދެބަސްވަމާ" ޕޮޑްކާސްޓުގެ މި ހަފްތާގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އޭނާއަކީ ސިޔާސީ ކަންކަމުގައި އެއްވެސް މީހަކާ ޒާތީވާނެ މީހެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ފައްޔާޒާއި ދެމެދު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތެރޭގައި ޖެހުނު މައްސަލަތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދާ އެކު ވެސް ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. "އަޅުގަނޑަކީ އެއްވެސް އިރެއްގައި ރައީސް ނަޝީދަކަށް ޒާތީ މައްސަލައެއް އޮތް މީހެއް ނޫން. އަޅުގަނޑަކީ ސިޔާސީ ކަންތަކުގައި، އެކަކާ ދޭތެރޭގައި ވެސް އަޅުގަނޑުގެ ޒާތީ އެއްވެސް ކަމެއް ގެންގުޅޭ މީހެއް ނޫން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އޭނާއަކީ މިހާރު ވެސް އެމްޑީޕީގެ ތެރޭގައި ސިޔާސީ ގޮތުން ބާރުވެރި ބޭފުޅެއް ކަމަށާއި، ރައީސް ނަޝީދު ވެސް އެ ހަގީގަތް ގަބޫލުކުރައްވާ ކަމަށެވެ. ގައުމަށް ގެންނަންޖެހޭ ބަދަލުތަކުގައި އޭނާ ހުށަހަޅާ ކަންކަމަކީ ރަނގަޅު ކަންތައްތަކެއް ކަމަށް ރައީސް ނަޝީދު ބަލައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ކުރިމަތިވާ އެކި ތުހުމަތުތަކާއި ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ، ޒިންމާއެއް ނަގަން ޖެހުނަސް ނުވަތަ ބަދުނާމެއް އައި ނަމަވެސް އެކަމަކާ ކުރިމަތިލައްވާނެ ކަމަށެވެ. އަދި އޭނާއާ ނުބެހޭ ކަންކަމުގައި ވެސް ބައެއް ފަހަރު އިނގިލި ދިއްކުރެވެނީ އޭނާގެ ސިޔާސީ ބާރުވެރިކަން ހުރި މިންވަރުން ކަމަށް ދެކިލައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ފައްޔާޒް ވިދާޅުވީ އޭނާ އަބަދުވެސް ހުންނަވާނީ އޭނާގެ ސިޔާސަތުތަކާ އެކު ކަމަށާއި، އެ ސިޔާސަތުތަކަށްޓަކައި ވަކާލާތު ކުރައްވާނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0