ސިޔާސީ , ޚަބަރު

ސޯބެ ކޮމިޓީއަކަށް އައްޔަން ނުކުރުމުން އެމްޑީޕީ ޕީޖީ ގުރޫޕް ރަތަށް

24 ޖޫން 2026 - 19:08
ސޯބެ ކޮމިޓީއަކަށް އައްޔަން ނުކުރުމުން އެމްޑީޕީ ޕީޖީ ގުރޫޕް ރަތަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބުދުﷲ ސޯދިގު (ސޯބެ) މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވިތާ ދެ ހަފްތާ ވެގެންދިޔައިރުވެސް، އެއްވެސް ކޮމިޓީއަކަށް އޭނާ އައްޔަންކޮށްފައި ނުވާތީ އެމްޑީޕީގެ މެންބަރުން މިއަދު މަޖިލީހުގައި އިހުތިޖާޖުކޮށްފިއެވެ.

މި މައްސަލައިގައި މަޖިލީހުގެ ތަޅުން ހޫނުވެ، ރިޔާސަތުން ވަނީ އެމްޑީޕީގެ ހުރިހާ މެންބަރުން މިއަދުގެ ޖަލްސާއިން ބޭރުކޮށްފައެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރުންނަށް ކޮމިޓީތަކުން ޖާގަ ލިބޭނީ "ޕީއެންސީން ދިން ކޮމިޓީއަކުން އަދި ދިން މިންވަރަކުން" ކަމަށެވެ. ފަލާހުގެ މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެތަޅުމުގައި ބޮޑު އިހުތިޖާޖެއް ކޮށްފައެވެ.

މަޖިލީހުން ބޭރުކުރުމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ މެންބަރުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މިއީ މަޖިލީހުގެ ގަވާއިދުތަކާ ހިލާފަށް، މެންބަރުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެކެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ މިއީ ދެ ހަފްތާވީ މައްސަލައެއް ކަމަށާއި، ސޯބެއަށް ކޮމިޓީއެއް ދެވޭނީ މަޖިލީހުގައި ޕާފޯމަންސް ދައްކާ ގޮތަކުން ކަމަށް ޕީއެންސީން ބުނެފައިވާ ކަމަށެވެ.

"މިއަދު މި ކަންބޮޑުވުމަކީ މިއަދު އެކަނި ހިނގައިދިޔަ ކަމެއް ނޫން. ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ސޯދިގެ ހުވާކުރި ދުވަހުން ފެށިގެން ޚުދު އަޅުގަނޑު މިކަމުގައިމަސައްކަތްކުރަމުން މި އައީ،" ނާޒިލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސޯބެގެ ޕާފޯމަންސް ބަލަން ޕީއެންސީން ބޭނުންވަނީ އެމީހުން ބޭނުންވާ ގޮތަށް އަމަލުކުރުން ކަމަށްވާނަމަ އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ.

ކޮމިޓީތަކުގައި އެމްޑީޕީގެ މެންބަރުން މަދުވުމުން ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ، ކޮމިޓީތަކުގައި އިސްލާހެއް ހުށަހެޅިޔަސް އެއަށް ތާއީދުކުރާނެ މެންބަރަކު ނުހުންނާތީ ވޯޓާ ހަމައަށް ނުދެވޭ ކަމަށެވެ.

މިއީ މަޖިލީހުގެ މަސައްކަތްތަކުގައި އިދިކޮޅު މެންބަރުންގެ ބައިވެރިވުން ކުޑަކުރުމަށްކުރާ ކަމެއްގެ ގޮތުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ސިފަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1