އެމްޑީޕީއަށް ސޮއިކުރުމުން 'ޝާންކޮ' އެޗްޑީސީގެ ވަޒީފާއިން ވަކިކޮށްފި
ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރި ޝާނީޒް ހާޝިމް (ޝާންކޮ) އެ ޕާޓީން ވަކިވެ އިދިކޮޅު އެމްޑީޕީއާ ގުޅުމުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފިއެވެ.
ހުޅުމާލެ ސްޕޯޓްސް ކްލަބުގެ ރައީސްކަންވެސް ކުރައްވާ ޝާންކޮ ވަޒީފާއިން ވަކިކުރީ އެ ކުންފުނީގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވަނިކޮށް މިދިޔަ އަންގާރަ ދުވަހުއެވެ.
ޝާންކޮ ބުނި ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރީ ދިފާއުގައި ދެއްކި އެއްވެސް ވާހަކައަކަށް ރިއާޔަތްނުކޮށެވެ. އޭނާއަށް ސިޔާސީ ފިއްތުންތައް ކުރިމަތިވާން ފެށީ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހައްޔަރުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރުމުން ކަމަށް އޭނާ ފާހަގަކުރިއެވެ. އޭގެ ފަހުން އުފެދުނު ހިތްހަމަނުޖެހުންތަކުގައި ޕީއެންސީން ވަކިވެ އެމްޑީޕީއަށް ސޮއިކުރި ކަމަށާއި، ހިތަދޫ އުތުރު ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށް ޕޯސްޓެއް ޖެހި ފަހުން ވަޒީފާއިން ވަކިކުރި ކަމަށް އޭނާ ބުންޏެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އޮތް ސިޔާސީ މިނިވަންކަމާ ގުޅޭގޮތުން ޝާންކޮ ބުނީ، "ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން އެއިރަކު އެ އޮންނަ ސަރުކާރު ނޫން އެހެން އެއްވެސް ޕާޓީއަކަށް ނުވަތަ ޕާޓީއެއްގެ ލީޑަރަކަށް ތާއީދުކޮށް ބަހެއް ބުނުންވެސް މި އޮންނަނީ ހަރާން ކަމަކާ އެއް ލެވެލްވެފައި" ކަމަށެވެ. މިއީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ހައްގުތައް ހަނިކުރުން ކަމަށް އޭނާ ސިފަކުރިއެވެ.
ޝާންކޮގެ އިތުރުންވެސް މިފަހުން ސިޔާސީ ހިޔާލުތަފާތުވުންތަކާ ގުޅިގެން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ދެކޮޅަށް "ވަޒީފާ ބުރާސްފަތި" ނަމުގައި މިރޭ 8:30 ގައި މާލޭގެ ރަސްފަންނު ސަރަހައްދުގައި މުޒާހަރާ ކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.






ރިއެކްޓް