ސިޔާސީ

ދިވެހި ރައްޔިތުން އިންގިލާބަށް ނުކުންނާނެ: ރައީސް ނަޝީދު

18 ޖޫން 2026 - 23:54
ދިވެހި ރައްޔިތުން އިންގިލާބަށް ނުކުންނާނެ: ރައީސް ނަޝީދު

ދިވެހި ރައްޔިތުންނާއި މެދު ރައީސް މުޢިއްޒުގެ ސަރުކާރުން ވަމުންދާ ނާއިންސާފާއި ދެކޮޅަށް ރައްޔިތުން އިންޤިލާބެއް ގެނައުމަށް ނުކުންނާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވަމުންދާ ބޭއިންސާފާއި ކުރަމުންދާ އަނިޔާތަކުގެ ސަބަބުން އިންގިލާބެއް އުފެދެމުންދާކަން ރައީސް މުއިއްޒަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ޑޮކްޓަރ. މުޢިއްޒަށް އެނގިވަޑައިގަންނަވަނީ. އެ ބޭފުޅާ އެ އުފައްދަވަމުން އެ ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް. ދިވެހިރާއްޖޭގެ ރައްޔިތުން އިންޤިލާބަށް ނުކުންނާނެ. އެ ރައްޔިތުން އެ މީހުންގެ ޙައްޤުގައި އަދާކުރަންޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންގެންދާނެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެ މީހުންނާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ އެކީގައި ތިބޭނެ" އިންގިލާބެއްގެ ފެށުން އިއުލާންކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުން ނުހައްގުން ވަކިކުރަމުންދާ ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރުމުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެ ކަމަށާއި ހައްޤުތައް ނިގުޅައިގަނެވިފައިވާ ފަރާތްތަކާއި އެކު އަބަދުވެސް އެމްޑީޕީ އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ވަޒީފާ އަދާކުރާ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެން ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އެ ބޭފުޅުންނަށް އެކަންޏެއް ނުވާނެ. އަޅުގަނޑުމެން ކޮންމެ ޢާއިލާއަކާ އެކީގައި ތިބޭނެ،" ނުހައްގުން ވަޒީފާތަކުން ވަކިކުރާ ފަރާތްތައް އެކަނި ނުވާނެކަން ޔަގީންކޮށްދެމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި ސަރުކާރަށް ގޮންޖައްސަވައި ސަރުކާރު ބަދަލުކުރާނެ ކަމަށާއި އެ މަސައްކަތުގައި އެމްޑީޕީން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އަސާސީ ހައްޤުތައް ކަށަވަރުކުރުމަށް އެމްޑީޕީން މާޒީގައި ކުރި މަސައްކަތް ރައީސް ނަޝީދު މިރޭ ވަނީ އިހުތިޖާޖުގެ ބައިވެރިންނަށް ހަނދާންކޮށްދެއްވާފައެވެ.

"ރައްޔިތުން އެ ޙައްޤުތައް ހޯދީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން. މި ޕާޓީއަކީ ހަރަކާތެއް. މި ޕާޓީއަކީ މުއައްސަސާއެއް. އަޅުގަނޑުމެނެއް އެ ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން ނިކުންނާނެ. އަޅުގަނޑުމެން މި ވެރިކަން އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ އިހުތިޖާޖު އެމްޑީޕީން ފެށީ މާފަންނު ރަސްފަންނު ސަރަހައްދުންނެވެ. މަޖީދީމަގުން ހެންވޭރަށް އައުމަށް ކުރިން ރާވާފައި އޮތް ނަމަވެސް ފުލުހުން އެފުރުސަތު ނުދީ އިހުތިޖާޖަށް ހުރަސްއެޅުމުން އިހުތިޖާޖުގެ ބައިވެރިން ހެންވޭރަށް އައީ އަމީނީ މަގުންނެވެ.

މިރޭގެ އިހުތިޖާޖުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސަރުކާރުން ނުހައްޤުން ވަޒީފާތަކުން ވަކިކުރުމާއި ދެކޮޅަށް އަޑުއުފުލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0