ސިޔާސީ , ޚަބަރު

އެމްޑީޕީގެ ޕްރޮޖެކްޓް އޮފީސް ހަދައި ވެރިއަކަށް އަމީރު އައްޔަނުކޮށްފި

23 ޖޫން 2026 - 14:56
އެމްޑީޕީގެ ޕްރޮޖެކްޓް އޮފީސް ހަދައި ވެރިއަކަށް އަމީރު އައްޔަނުކޮށްފި
ފޮޓޯ: ވިރާސީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވައުދުވެވަޑައިގެންނެވި ގޮތަށް، އެ ޕާޓީގެ ޕްރޮޖެކްޓް އޮފީސް މިއަދު ރަސްމީކޮށް އުފައްދައިފިއެވެ.

މި އޮފީހަކީ ލޯކަލް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރި ތަނެކެވެ.

އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ޝާއިއުކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، މިއަދުން ފެށިގެން އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް (އައިއެލްސީ-ޕީޑީއޯ) ވަނީ އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއޭޓުގައި ގާއިމުކުރެވިފައެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އޮފީސް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ "ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުން" ކަމަށް އެމްޑީޕީން ބުނެއެވެ. މީގެ އިތުރުން ކައުންސިލްތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަފާތު އެހީތެރިކަން މި އޮފީސް މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ.

އަލަށް އުފެއްދި މި އޮފީހުގެ އެންމެ އިސްވެރިޔަކަށް ނުވަތަ ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އަމީރަކީ ޕާޓީގެ އެކި ދާއިރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.

މި އޮފީސް ގާއިމުކުރުމަކީ ނިމުނު އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދު ވައުދުވެފައިވާ ކަންކަން ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0