އެމްޑީޕީގެ ކައުންސިލަރސް އެސެމްބްލީ އާއި ޑަބްލިއުޑީސީ އިންތިޚާބުގެ ޓައިމްލައިން އިއުލާނުކޮށްފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކައުންސިލަރސް އެސެމްބަލީ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ވިންގްގެ އިންތިޚާބު ބާއްވާނެ ތާރީޚުތައް އެ ޕާޓީން މިއަދު އިއުލާނުކޮށްފިއެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ޓައިމްލައިންގައިވާ ގޮތުން، ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ 14 ޖޫން 2026 ވާ އާދިއްތަ ދުވަހުއެވެ. މި މަގާމުތަކަށް ކުރިމަތިލުމަށް އެދި ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ލިސްޓު ކެންޑިޑޭޓް ނަންބަރާއެކު އާންމުކުރުމާއި، ވޯޓުލެވޭ މެންބަރުންގެ ދަފްތަރު އާންމުކުރުން އޮންނާނީ 23 ޖޫން 2026 ވާ އަންގާރަ ދުވަހު ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ 06 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. އަދި ހަމަ އެ ދުވަހު އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީން ބުނިގޮތުގައި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާނީ 07 ޖުލައި 2026 ވާ އަންގާރަ ދުވަހުއެވެ.






ރިއެކްޓް