ޚަބަރު

ރަހީނު ކުރުމަށްފަހު އިނގިލި ބުރިކޮށްލި މައްސަލަ 4 މީހެއްގެ މައްޗަށް ސާބިތުވެއްޖެ

29 ޖޫން 2026 - 19:07
ރަހީނު ކުރުމަށްފަހު އިނގިލި ބުރިކޮށްލި މައްސަލަ 4 މީހެއްގެ މައްޗަށް ސާބިތުވެއްޖެ

މާލޭ އެޕާޓްމަންޓެއްގައި މީހަކު ކިޑްނެޕްކުރުމަށްފަހު އިނގިއްޔެއް ބުރިކޮށްލި މައްސަލަ 4 މީހެއްގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2024 ވަނަ އަހަރުގެ މެދުތެރޭގައި ހިނގައިދިޔަ މި މައްސަލާގައި ދަޢުވާކުރީ 5 މީހެއްގެ މައްޗަށެވެ. އެއީ؛

  1. އަހްމަދު ޒަޔާން / ލިންކް ލ. ގަން
  2. މުހައްމަދު ނައުޝާން ޙުސައިން / އުތުރުގެއާގެ ތ. ތިމަރަފުށި
  3. ޢަލީ ސާމީ / މެހުރާ ރ. ކަނދޮޅުދޫ
  4. މުޙައްމަދު ނަފާހް / ފުލްމޫން ކ. މާފުށި
  5. އަހްމަދު ސާއިފް ވަހީދު / ހުދުވެލލި ގދ. ގައްދޫ

މި މީހުންގެ ތެރެއިން އަހުމަދު ސާއިފުގެ މައްޗަށް ސާބިތުވެފައިވަނީ މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ. އަދި މުހައްމަދު ނައުޝާން އާއި ޢަލީ ސާމީގެ މައްޗަށް ސާބިތުވެފައިވަނީ ސާއިފުގެ ކުށުގައި ބައިވެރިވީކަމުގެ ކުށެވެ. އަދި އަހުމަދު ޒަޔާންގެ މައްޗަށް ސާބިތުވެފައިވަނީ އެހީތެރިކަން ބޭނުންވެފައިވާ މީހާއަށް އެހީނުވުމުގެ ކުށެވެ. މި 5 މީހުންގެ ތެރެއިން މުހައްމަދު ނަފާހުގެ މައްޗަށް ކުރެވުނު ދައުވާ ސާބިތުވެފައެއް ނުވެއެވެ.

އިނގިލި ބުރިކޮށްލި ކަމަށް ސާބިތުވީ ސާއިފުގެ މައްޗަށް އިއްވީ 15 އަހަރުގެ ޖަލުހުކުމެކެވެ. އަދި އަލީ ސާމީއާއި ނައުޝާންގެ މައްޗަށް އިއްވީ 10 އަހަރުގެ ޖަލުހުކުމެކެވެ.

ދައުވާއުފުލުނު 5 މީހުންގެ ތެރެއިން ޒަޔާން އާއި ނަފާހު އަކީ ސިފައިންގެ ވަޒީފާގައި އޭރު އުޅެމުންދިޔަ ދެމީހުންނެވެ. މި ދެމީހުންވެސް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށް އެމްއެންޑީއެފުން ވަނީ އޭރު ބުނެފައެވެ. ޒަޔާނުގެ މައްޗަށް ސާބިތުވީ ކުށަށް ކުރި ޖަލުހުކުން ކަމަށްވާ 3 މަސްދުވަސް ތަންފީޒުވެ ނިމިފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި މި 5 މީހުން ބައިވެރިވެގެން 30 އަހަރުގެ މީހަކު މާލޭ އެޕާޓްމަންޓެއްގައި ރަހީނުކޮށް އެކިފަހަރުމަތީން އަނިޔާކޮށް މާރާމާރީ ހިންގާފައިވެއެވެ. އަދި އެމީހާ ރަހީނުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށާއި އެމީހާ ލައްވައި މަޖުބޫރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވި ކަމަށްވެސް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން އިނގިލި ބުރިކޮށްލާފައިވަނީ ގޮނޑިއެއްގައި ބަނދެފައި ބޭންދުމަށްފަހު "ޕައިޕް ކަޓަރެއް" ބޭނުންކޮށްގެން ކަމަށާއި ބުރިކޮށްލީ އަތުގެ ކުޑަވާއިނގިލި ކަމަށްވެސް ބުނެފައިވެއެވެ، އަދި މީގެ އިތުރުން އިނގިލި ބުރިކޮށްލުމަށްފަހު ވަޅިއެއް ހޫނުކޮށް، ބުރިކޮށްލިތަނުގައި ޖެއްސިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 1