ޚަބަރު , ސިޔާސީ

ސަރުކާރުން ސިގިރެޓް އަގުހެޔޮކުރަން ނިންމި ސަބަބު ހެލްތު މިނިސްޓަރަށް ބުނެނުދެވުނު

23 ޖޫން 2026 - 12:53
ސަރުކާރުން ސިގިރެޓް އަގުހެޔޮކުރަން ނިންމި ސަބަބު ހެލްތު މިނިސްޓަރަށް ބުނެނުދެވުނު

ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 އިންސައްތަ އަގުހެޔޮވާނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅުމާ ގުޅިގެން މަޖިލީހުގައި ކުރެވުނު ސުވާލުތަކަށް ހެލްތު މިނިސްޓަރަށް ޖަވާބު ނުދެވުނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެއްވަން ތައްޔާރުވެގެން ވަޑައިނުގަންނަވާ ކަމަށެވެ.

މެންބަރު ޒިޔާދު ސުވާލު ކުރެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފަޔާއެކު ސަރުކާރުން ސިނގިރޭޓު ވިއްކާ އަގު ހެޔޮކުރަން ނިންމި ސަބަބު އޮޅުންފިލުވުމަށެވެ. ޒިޔާދު ވިދާޅުވީ ސިނގިރޭޓުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ދިވެހިންގެ ސިއްހަތަށް ފައިދާވާ ކަމަށް މީގެ ކުރިން ސަރުކާރުން ބުނަމުންދިޔަ ކަމަށެވެ.

"ވަރަށް ފަޚުރުވެރިކަމާއެކު ސިނގިރޭޓުގެ އަގަށް އެ ގެނައި ބަދަލުގެ ސަބަބުން ދިވެހީންގެ ޞިއްޙަތަށް ވަރަށް ބޮޑު ފައިދާތަކެއް ކުރި ކަމަށް އަޅުގަނޑުމެންނަށް މިއަދާ ހަމައަށް ސަރުކާރުން އައީ ބުނަމުން. އެހެންނަމަވެސް، ކުއްލިއަކަށް ޑަބްލިޔު.އެޗް.އޯގެ ނިންމުމަށް މި ދީލައިލާއިރުގައި އަޅުގަނޑުގެ ސުވާލަކީ، ސަރުކާރަށް މި ވަގުތު މުހިންމީ ޑަބްލިޔު.އެޗް.އޯ ތޯ ނުވަތަ ދިވެހީންގެ ސިއްހަތުތޯ؟" ޒިޔާދު ސުވާލު ކުރެއްވިއެވެ.

މި ސުވާލާ ގުޅިގެން މިނިސްޓަރު ގީލާ ވިދާޅުވީ އެކަމަށް ޖަވާބު ދެއްވުމަށް މިވަގުތު ތައްޔާރުވެފައި ނުވާ ކަމަށެވެ. "އަޅުގަނޑު މިއައީ މިއަދު ހަމަ ތި ސުވާލަކަށް ޖަވާބު ދޭން ތައްޔާރުވެގެނެއް ނޫން. އެހެންވީމަ އަޅުގަނޑު ފަހުން އިއްޒަތްތެރި މެންބަރަށް ތިޔަ ސުވާލުގެ ޖަވާބު އަރުވާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 50 އިންސައްތައިން 30 އިންސައްތައަށް ކުޑަކުރުމަށެވެ. މީގެ އިތުރުން ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ ކޮންމެ ސިނގިރޭޓަކަށް 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0