އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ޝަކީލް، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި ޝަކީލްގެ ނަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެެރެއިން 51 މެންބަރުންގެ ވޯޓުންނެވެ. މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 7 މެންބަރުންނެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޝަކީލްއާ އިންޓަވިއު ކުރުމަށްފަހު، އޭނާ އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ޝަކީލް ވަނީ މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު އަދާކުރައްވާފައެވެ. އޭނާ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމަށް އައްޔަނު ކުރެއްވީ 29 ނޮވެމްބަރު 2023 ގައެވެ.
އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މި މަގާމަކީ އެ ކޮމިޝަންގެ މެންބަރު ޒާހިދު މޭ 1 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަގާމެކެވެ. ޒާހިދު އީސީގެ މެންބަރު ކަމަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ގައެވެ.






ރިއެކްޓް