ޑިއުޓީ ކުޑަކުރުމާ ގުޅިގެން ސިނގިރެޓް ފޮއްޓެއްގެ އަގު 170ރ އަށް ވެއްޓޭނެ
ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކޮށް ޤާނޫނަށް އިސްލާހުކޮށްފިނަމަ، ސިނގިރޭޓް ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 170ރ އަށް ދަށަށް ދާނެ ކަމަށް ބެލެވެންފަށައިފިއެވެ.
ސިނގިރެޓުން ނަގާ ޑިއުޓީ ސިނގިރެޓަކަށް 8ރ އިން 4ރ އަށް ކުޑަކުރުމަށް ސަރުކާރުން ބިލުގައި ހިމަނާފައިވާއިރު މިއީ އިމްޕޯޓް ކުރެވޭ ދުންފަތުގެ ބާވަތްތަކުން ނެގޭ ޓެކްސްގެ ބުރަ ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ފިޔަވަޅެކެވެ. މިހާރުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު، ހުށަހެޅިފައިވާ ބަދަލާ ގުޅިގެން 20 ސިނގިރެޓް ހިމެނޭ ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 80ރ ކުޑަވާނެ ކަމަށް ބެލެވެއެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅު ތައާރަފުކުރެވުނު ބޮޑެތި ޓެކްސް ބަދަލުތަކާ ގުޅިގެން ގިނަ ސިނގިރެޓް ބްރޭންޑްތައް މިހާރު ރީޓެއިލް ކުރަނީ ފޮއްޓެއް 240ރ އާއި 250ރ އާ ދެމެދުގެ އަގެއްގައެވެ. ހުށަހެޅިފައިވާ އިސްލާހާއި އެއްވަރަކަށް ރީޓެއިލް އަގަށް ބަދަލު އައިސްފިނަމަ ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 160ރ އާއި 170ރ އާ ދެމެދަށް ވެއްޓޭނެ ކަމަށް ބެލެވެއެވެ.
ދުންފަތުގެ ޑިއުޓީ ކުޑަކުރުމަށް ހުށަހެޅިފައި މިވަނީ ދުންފަތުން ނެގޭ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ސިނގިރެޓް ސްމަގްލް ކުރުމާއި ގަވާއިދާ ޚިލާފަށް ދުންފަތް ވިއްކުން އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުންތައް ފާހަގަކުރެވެމުންދާ ދުވަސްވަރެއްގައެވެ. ގާނޫނީ ގޮތުން އިމްޕޯޓް ކުރެވޭ ސިނގިރެޓުގެ ބޮޑު އަގުގެ ސަބަބުން ކަޅު ބާޒާރުގެ ހަރަކާތްތަކަށް މަގުފަހިވާނެކަމަށް ވިޔަފާރީގެ ތަޖުރިބާކާރުން ކުރިން ވެސް ވަނީ ލަފާކޮށްފައެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ ވަކި ސިނގިރޭޓަކުން ނެގޭ ޑިއުޓީ 3ރ އިން 8ރ އަށް ބޮޑުކޮށް، ދުންފަތާ ގުޅޭ އެހެން ޓެކްސްތައް ވެސް ބޮޑުކޮށްފައެވެ. އެކަމުގެ ސަބަބުން މުޅި ގައުމުގައި ސިނގިރޭޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ.
ޑިއުޓީ ކުޑަކުރުމާ ބެހޭ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، އިސްލާހުކުރެވޭ ރޭޓްތަކަށް އަމަލުކުރެވެން ފެށޭނެ ތާރީޚެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. ސިނގިރެޓުގެ ރީޓެއިލް އަގު ބިނާވެގެންދާނީ އިމްޕޯޓުކުރާ ވިޔަފާރިވެރިން އަގުކަނޑައަޅާ ގޮތްތަކާއި، ރީޓެއިލް ފިހާރަ ކެފޭތަކުން ފައިދާގެ ގޮތުގައި ކަނޑައަޅާ މިންވަރުގެ އިތުރުން ދުންފަތުގެ ޓެކްސް ނިޒާމަށް ގެންނަ އިތުރު ބަދަލުތަކުގެ މައްޗަށެވެ.
މި ބަދަލު ތަންފީޒުކޮށްފިނަމަ، މިއީ 2024 ވަނަ އަހަރު އަގު ބޮޑުކުރި ފަހުން ދުންފަތުގެ އަގު ކުޑަކުރުމަށް އަޅާ ފުރަތަމަ ބޮޑު ފިޔަވަޅަށް ވާނެއެވެ.
ޤާނޫނަށް ގެނެވޭ މި އިސްލާހަކީ ޢާއްމނު ސިއްހަތާއި ދުންފަތާއި ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށްވުރެ ބޮޑަށް ސިޔާސީ ނިންމުމެއް ކަމަށް ބެލެވެއެވެ. އެހެނީ ސިނގިރޭޓުގެ އަގުތައް ބޮޑުވުމަކީ ގިނަބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވީ ކަމަކަށް ވުމުން މި ބަދަލަކީ ދައުރު ދެބައިވުމުން އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން އަލުން ތާއީދު ހޯދުމަށް ކުރާ ކަމެއް ކަމަށް ވަނީ ބެލެވެން ފަށާފައެވެ.






ރިއެކްޓް