ހަތަރު މަހުގެ މުސާރައާއެކު ވަކިވާން ފެނަކައިގެ 97 މުވައްޒަފުން އެދިއްޖެ
އިންތިހާއަށް ހަރަދު ބޮޑުވެ ގޮތް ހުސްވުމުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން އިން ހުޅުވާލި ފުރުސަތުގައި، އެ ކުންފުނީގެ 97 މުވައްޒަފަކު ހަތަރު މަހުގެ މުސާރައާއި އެކު އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިއްޖެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން އޮންލަން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ހަމަމަގަށް އެޅުވުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. މިގޮތުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ އެއްފަހަރާ ދިނުމަށް ނިންމާފައިވާ ކަމަށާއި، އެ ހުށަހެޅުމަށް ހަފުތާއެއްގެ ތެރޭގައި 97 މުވައްޒަފަކު އިޖާބަދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަފީފު ފާހަގަކުރެއްވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގަތްއިރު ކުންފުނީގެ ޕޭރޯލުގައި 8,000 އެއްހައި މުވައްޒަފުން ތިއްބެވެ. އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވާކަން އޭނާ ހާމަކުރެއްވިއެވެ. ސިޔާސީ ބޭނުންތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ ކަމަށާއި، އޭގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުންނާއި ވަޒީފާއަށް ނުނިކުމެ މުސާރަ ނަގާ މީހުން ހިމެނޭކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
"ސިޔާސީ ބޭނުމަށް ނެގި މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޮޑު ހަރަދެއް ހިނގާތީ ކުންފުނިން ހިންގަން ބޭނުންވާ މަޝްރޫއުތައް ހިންގަން ފައިސާ ނުހުރޭ،" އަފީފު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކުންފުނީގެ މިސްރާބު ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ކުރާނެ މަސައްކަތެއް ނެތްކަން އެނގިގެން ބައެއް މުވައްޒަފުން މިހާރުވެސް އަމިއްލައަށް ވަކިވަމުންދާ ކަމަށެވެ.
ފެނަކައިގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިންވެސް ވަނީ މާލީ ހާލަތު ރަނގަޅުކުރުމަށް ރިޑަންޑެންސީ ޕްރޮގުރާމެއް ފަށާފައެވެ. ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ހުރިހާ ކުންފުނިތަކަކަށް އިރުޝާދު ދީފައެވެ.






ރިއެކްޓް