އެސްއޯއީތަކުން ހަދާ ރިސޯޓުތަކުގެ ކުލި ސަރުކާރުން ދޭންޖެހޭ ފައިސާއިން ކަނޑަނީ
މި ގަވާއިދުގެ ދަށުން އެސްއޯއީތަކުން ދައްކަންޖެހޭ ލީސް އެކުއިޒިޝަން ފީ ނުވަތަ ކުލީގެ އަގު ދެއްކުމުގައި، ސަރުކާރުން އެ ކުންފުންޏަކަށް ދޭންޖެހޭ ފައިސާ ބޭނުންކުރެވޭނެ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އާ ގަވާއިދެއް އެކުލަވާލައިފި އެވެ
މި ގަވާއިދުގައިވާ ގޮތުން ރިސޯޓު ތަރައްގީކުރަން ބޭނުންވާ ކުންފުނިތަކުން ހުށަހަޅަން ޖެހެނީ ފިނޭންސް މިނިސްޓްރީގެ ލިޔުމެއް އެކަނި ކަމަށްވާއިރު، ސަރުކާރުން ދޭންޖެހޭ ފައިސާ ބޭނުންކުރާނެ ގޮތުގެ ތަފްސީލެއް ބަޔާންކޮށްފައެއް ނުވެ އެވެ. އެއީ އެހީގެ ގޮތުގައި ދޭންޖެހޭ ފައިސާ ކަމެއް، ކެޕިޓަލްގެ ގޮތުގައި ދޭންޖެހޭ ފައިސާ ކަމެއް ނޫނީ ހިދުމަތަކަށް ދޭންޖެހޭ ފައިސާ ކަމެއް ސާފުކޮށްދީފައެއް ނުވެ އެވެ.
މި އުސޫލުގެ ދަށުން ރިސޯޓު ނެގުމަށް ފަހު އެހެން ބަޔަކަށް ސަބްލީސް ކުރުން ސަރުކާރު ކުންފުނިތަކަށް މަނާވާނެ އެވެ. ނަމަވެސް، ރިސޯޓު ތަރައްގީކުރުމަށް ފަހު މެނޭޖުމަންޓް އެއްބަސްވުމެއްގެ ދަށުން ރިސޯޓު ހިންގަން އެހެން ބަޔަކާ ހަވާލުކުރުމުގެ ފުރުސަތު އޮވެ އެވެ. މީގެ އިތުރުން، ލީސް އެކުއިޒިޝަންގެ އަދަދު ކަނޑައަޅާނީ މިނިސްޓްރީން ކަނޑައަޅާ ހާއްސަ މިންވަރަކަށެވެ.
ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި މި ގަވާއިދުގައި މާނަކޮށްފައި ވަނީ ސަރުކާރުގެ މަދުވެގެން 45 ޕަސެންޓު ހިއްސާވާ ކުންފުނިތަކެވެ. މިއީ ޕްރައިވެޓް ސެކްޓަރާ ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ރިސޯޓު ތަރައްގީކުރުމަށް މަގުފަހިކުރުމަށް ގެނައި ބަދަލެއް ކަމަށް ބެލެވޭއިރު، ކުލީގެ އެއްބަސްވުން އޮންނަ މުއްދަތުގައި ސަރުކާރުގެ ހިއްސާ 45 ޕަސެންޓަށް ވުރެ ދަށްކުރުމަކީ މަނާ ކަމެކެވެ.
އެސްއޯއީތަކުން ރިސޯޓު ހިންގުމަކީ މީގެ ކުރިން ވެސް އެކި ސަރުކާރުތަކުން މަސައްކަތްކޮށް ކާމިޔާބުވެފައި ނުވާ މޮޑެލްއެކެވެ. އެގޮތުން އެމްޓީޑީސީ ފަދަ ކުންފުނިތަކަށް 20 އަހަރު ތެރޭގައި އަމިއްލައަށް ރިސޯޓެއް ތަރައްގީ ނުކުރެވޭއިރު، އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަނުން ވެސް މީގެ ކުރިން ވަނީ ޑޮލަރު ހޯދުމުގެ ބޭނުމުގައި މި ދާއިރާއަށް ވަންނަން ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.






ރިއެކްޓް