ޚަބަރު

ހިރިމަރަދޫ ކައުންސިލްގެ ބަޖެޓު 'ގެއްލި' ރައްޔިތުން ބިކަވެއްޖެ

ސަރުކާރުން އުވާލި ހިރިމަރަދޫ ކައުންސިލްގެ ބަޖެޓު 'ގެއްލިއްޖެ'

18 ޖޫން 2026 - 15:01
ހިރިމަރަދޫ ކައުންސިލްގެ ބަޖެޓު 'ގެއްލި' ރައްޔިތުން ބިކަވެއްޖެ

ހދ. ހިރިމަރަދޫ ކައުންސިލް އުވާލުމަށްފަހު އެރަށުގެ ބަޖެޓު 'ގެއްލި' ރަށުގެ އަސާސީ ހިދުމަތްތައް ހުއްޓި ރައްޔިތުން ބޮޑު ތަކުލީފެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. 

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައި، އެރަށުގެ އިދާރީ ހިންގުން ހަނިމާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް ހިރިމަރަދޫ ކައުންސިލަށް ސަރުކާރުން ދޭ ފައިސާ ހަނިމާދޫ ކައުންސިލާއި ހަވާލު ކޮށްފައެއް ނުވެއެވެ. އެހެންކަމުން މުވައްޒަފުންގެ މުސާރަ ތަކާއި، ކައުންސިލުން ހިންގި ކުލާސްތަކާއި ކެއްކުމަށް ބޭނުންކުރާ ގޭހަށްވެސް އެރަށުގެ ރައްޔިތުން ވަނީ ޖެހިފައެވެ.

އެލްޖީއޭއިން ހިރިމަރަދޫ ކައުންސިލްގެ ބަޖެޓު ހަނިމާދޫއަށް ދޫނުކުރާ ކަމަށް ބުނެ ހަނިމާދޫ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވީ، ހިރިމަރަދޫގެ ހާލަތު ބެލުމަށް ކުރި ދަތުރުން އެރަށުގެ ރައްޔިތުންނަށް ދޭންޖެހޭ ގިނަ ހިދުމަތްތަކެއް ހުއްޓެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުނިކެހުމުގެ މަސައްކަތް ކުރާ މީހުންނަށް ދޭންޖެހޭ ފައިސާއާއި، އެކި އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެރަށުގައި ތިބި ހަތަރު މުވައްޒަފުންގެ މުސާރަވެސް ސަރުކާރުން ނުދޭތީ، އެންމެ ފަހުން މުސާރަ ދިނީ ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ކަމަށް އޭނާ ހާމަކުރެއްވިއެވެ.

"އެ ރަށުގެ އެހެން ހުރިހާ ހަރަދެއް ހަނިމާދު ކައުންސިލްގެ ބަޖެޓަކުން ވެސް ނުކުރެވޭނެ. އެއީ މިރަށުގެ ރައްޔިތުން ވެސް ހިތްހަމަޖެހޭނެ ކަމެއް ނޫން. އަދި ކުރެވެން ވެސް އޮންނާނެ ކަމެއް ނޫން،" މީޑިއާތަކާއި ވާހަކަ ދައްކަމުން އަލީ އިބްރާހިމް ވިދާޅުވިއެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ތުހުމަތު ކުރެއްވި ގޮތުގައި، މިއީ އެއްވެސް ސާވޭއެއް ނެތި ސިޔާސީ މަންފާއަކަށްޓަކައި އިންތިހާބާ ދިމާކޮށް ސަރުކާރުން ނިންމި ނިންމުމެކެވެ. ރައީސް އޮފީހުގެ ގަރާރަކުން ބޮޑު އަމުރެއް ކޮށްފައި އޮތް ނަމަވެސް، ކަމާބެހޭ މުއައްސަސާތަކުން އެއްބާރުލުން ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ މި އަމަލު އޭނާ ސިފަކުރެއްވީ "އަސް ވިއްކާލާފައި ލަގަން ހިފަހައްޓާ"އުސޫލުން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.

ރަށުގެ ހާލަތު އިތުރަށް ބަޔާންކޮށްދެއްވަމުން ފިރާގު ވިދާޅުވީ، ހިރިމަރަދޫއަށް ގޭސް ގެންނަނީ ކައުންސިލުން ކަމަށްވާއިރު، ބަޖެޓު ނެތުމުގެ ސަބަބުން މިހާރު ރަށުން ގޭސް ހުސްވެފައިވާ ކަމަށެވެ. އަދި ރަށުގެ ގުރުއާން ކްލާހާއި ޕްރީ ސްކޫލްވެސް ހުއްޓުމަކާ ގާތްވެފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާނެ ވަކި ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، އެ މަޝްރޫއު ކުރިއަށް ނުދާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0