ޚަބަރު

ހަތަރު ސްކޮލާޝިޕަކަށް އެމްއެމްއޭ އިން ހުޅުވާލައިފި

16 ޖޫން 2026 - 20:00
ހަތަރު ސްކޮލާޝިޕަކަށް އެމްއެމްއޭ އިން ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ހާއްސަ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތުތަކަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ މަގްސަދުގައި ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.

އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން، މި ސްކޮލަޝިޕްތަކުގެ ދަށުން މެލޭޝިއާގެ އެކި ޔުނިވަރސިޓީތަކުން ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ބެޗްލަރ އޮފް އެކައުންޓިންގ (ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ)، މާސްޓަރ އޮފް ލޯސް އަދި މާސްޓަރ އޮފް އިކޮނޮމިކްސް (އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ) އެވެ.

މީގެ އިތުރުން މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ދާއިރާތަކުގެ ތެރޭގައި އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ އިސްލާމިކް ފައިނޭންސް (ރިސަރޗް)، ނުވަތަ އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް) ހިމެނެއެވެ.

އެމްއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މި ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތަކުގެ އިތުރުން، ކިޔެވުމުގެ މުއްދަތުގައި ހިނގާނެ އެހެނިހެން ހަރަދުތައްވެސް އެ އޮތޯރިޓީން ހަމަޖައްސައިދޭނެއެވެ. މިއީ ދަރިވަރުންނަށް އެއްވެސް ދަތިކަމެއް ނެތި ކިޔެވުން ކުރިއަށް ގެންދިއުމަށް ދެވޭ ފުރިހަމަ އެހީތެރިކަމެކެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހެވެ.ޝައުގުވެރިވާ ފަރާތްތަކުން އެ ތާރީހުގެ ކުރިން އެމްއެމްއޭއަށް ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތާއި ފޯމު އެމްއެމްއޭގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0