މާފުށީ ޖަލުގައި ބެގެޖް ސްކްރީން މެޝިނެއް ބަހައްޓައި ބޭނުންކުރަން ފަށައިފި
މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، ޒަމާނީ ފެންވަރުގެ ބެގެޖް ސްކްރީން މެޝިނެއް ފުރަތަމަ ފަހަރަށް އެ ޖަލުގައި ބަހައްޓައި، ޖަލަށް އެތެރެވާ މީހުން ގެންދާ ތަކެތި ފާސްކުރަން ފަށައިފިއެވެ.
މި މެޝިން ރަސްމީކޮށް ބޭނުންކުރަން ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނުއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކުރި ގޮތުގައި، ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ބެހެއްޓި މި މެޝިނަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން ހަދިޔާކުރި މެޝިނެކެވެ. މި މެޝިން ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތައް ޖަލުގެ އޮފިސަރުންނަށް ދީފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނެވެ.
މި މެޝިން މެދުވެރިކޮށް ޖަލަށް އަލަށް ގެންނަ ގައިދީންނާއި ބަންދު މީހުންގެ ތަކެތީގެ އިތުރުން، އާއިލާތަކުން ފޮނުވާ ތަކެއްޗާއި، އާއިލީ އަދި އެކަހެރި ބައްދަލުވުންތަކަށް ޒިޔާރާތްކުރާ މީހުން ގެންދާ ތަކެތި ވެސް ސްކްރީން ކުރެވޭނެއެވެ. މިއީ ޖަލަށް މަނާ ތަކެތި އެތެރެވުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މާފުށީ ޖަލުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން މިދިޔަ ފެބްރުއަރީ މަހު ވަނީ ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ވެސް ބަހައްޓާފައެވެ. އެ މެޝިން އިންސްޓޯލްކޮށް، ތަމްރީނުތަކަށްފަހު ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
ޖަލަށް ފޯނު ފަދަ ތަކެތި ވައްދައިގެން ސްކޭމް ކުރާ މައްސަލަ ބޮޑުވެފައިވާތީ، މިފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖަލުން ކުރާ ސްކޭމް ކޯލްތަކާއި އެ ނޫންވެސް ގަވާއިދާ ހިލާފު ކަންކަން ހުއްޓުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.






ރިއެކްޓް