ޚަބަރު

ވަޒީފާއިން ވަކިވި ބިދޭސީއެއްގެ މުސާރަ 5 އަހަރުވަންދެން ނަގަމުން އައި މުވައްޒަފުންތަކެއްގެ މައްސަލަ އޭސީސީން ބަލަނީ

16 ޖޫން 2026 - 13:47
ވަޒީފާއިން ވަކިވި ބިދޭސީއެއްގެ މުސާރަ 5 އަހަރުވަންދެން ނަގަމުން އައި މުވައްޒަފުންތަކެއްގެ މައްސަލަ އޭސީސީން ބަލަނީ

ވަޒީފާއިން ވަކިވެފައިވާ ބިދޭސީއެއްގެ މުސާރަ އޮޅުވާލައިގެން އެހެން މީހެއްގެ ނަންމަތީގައި ނެގި ސްކޫލް މުވައްޒަފުންތަކެއްގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

މާލޭ ސަރަހައްދުގެ ސްކޫލެއްގެ މުވައްޒަފުންތަކެއް ހިމެނޭ މި މައްސަލަ ފެންމަތިވީ، އެޑިއުކޭޝަން މިނިސްޓްރީން ކުރި އޮޑިޓެއްގެ ތެރެއިންނެވެ.

އޭސީސީން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގެއް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ. ނަމަވެސް، މިއީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، އެ ސްކޫލުގައި މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާއިން ވަކިވިފަހުން، މުސާރަ ޝީޓަށް އެހެން މީހެއްގެ ނަން އިތުރުކޮށްގެން މުސާރަ ނަގަމުން ގޮސްފައިވެއެވެ. މިގޮތުން 2021 ވަނަ އަހަރުން ފެށިގެން އެ މުވައްޒަފުގެ މުސާރަ ނަގަމުންދިޔައީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޝަންގައި މަސައްކަތްކުރާ ތިން މުވައްޒަފަކު ވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހިޔާނާތުގެ މައްސަލަ ފަޅާ އަރާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ އޮޑިޓެއްގެ ތެރެއިންނެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ ތިން މުވައްޒަފުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި މައްސަލަ އިތުރަށް ބަލައި، ބަދަލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0