ޚަބަރު , ސިޔާސީ

މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން އަލުން ކަނޑައަޅައިފި

15 ޖޫން 2026 - 18:54
މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން އަލުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި، ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައި އެ މެންބަރުންގެ ނަންތައް ތަރުތީބުކޮށް މިއަދު އިއުލާނު ކޮށްފިއެވެ.

މި ލިސްޓް އަލުން އެކުލަވާލަން ޖެހުނީ ކުރީގެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، މަޖިލީހުގެ ނާއިބު ރައީސް ކަމަށް އިންތިހާބު ކުރުމާ ގުޅިގެންނެވެ. ސަލީމް ނައިބު ރައީސް ކަމަށް އިންތިހާބުވުމުން، ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ލިސްޓަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މަސްއޫލިއްޔަތު އަދާކުރާނެ މެންބަރުން ކަނޑައަޅަންޖެހެއެވެ. މިގޮތަށް ލިސްޓް އެކުލަވާލުމުގައި ބަލަނީ މަޖިލީހުގައި މެންބަރުން ހިދުމަތް ކުރައްވާފައިވާ މުއްދަތަށެވެ.

އަލަށް އެކުލަވާލި ލިސްޓުގެ އެންމެ ކުރީގައި އޮތީ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އެވެ. ދެން މި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

މީގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ މި ލިސްޓުގައި ހިމަނާފައެވެ. މި މެންބަރުންނަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތްތަކުގައި ތަރުތީބުން ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0