ޚަބަރު

އުރިދޫ އެމްފައިސާ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށްފި

15 ޖޫން 2026 - 10:37
އުރިދޫ އެމްފައިސާ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް އުރީދޫ މޯލްޑިވްސްއާ ގުޅިގެން މިއަދު ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ގެނެސްފައިވަނީ އުރީދޫގެ ޑިޖިޓަލް ވޮލެޓް ކަމަށްވާ އެމްފައިސާއާ ގުޅިގެންނެވެ.

މި ހިދުމަތް ތައާރަފުވުމާ އެކު، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މިއީ މީގެ ކުރިން ރާއްޖޭގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މުހިންމު ހިދުމަތެކެވެ.

އުރީދޫން ފާހަގަކުރި ގޮތުގައި، މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ކްރިއޭޓިވް އިގްތިސާދު ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފާލަމެކެވެ. މި ހިދުމަތުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓްތަކުގައި ދިވެހިންގެ އުފެއްދުންތަކާއި ހިދުމަތްތައް ވިއްކައިގެން ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0