ޚަބަރު

ފުރަތަމަ ހަ މަހު އިންކަމް ޓެކްސްގެ އާމްދަނީ %26 އިތުރުވެއްޖެ

14 ޖޫން 2026 - 10:37
ފުރަތަމަ ހަ މަހު އިންކަމް ޓެކްސްގެ އާމްދަނީ %26 އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 26 ޕަސެންޓް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިނލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ 2.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ދެ ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ މި މުއްދަތުގައި އިންކަމް ޓެކްސްގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ކުންފުނިތަކުންނެވެ. އެގޮތުން ކުންފުނިތަކުން އިންކަމް ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އަށް ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުން އިންކަމް ޓެކްސްގެ ގޮތުގައި 214 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ހަތް ޕަސެންޓްގެ ކުރިއެރުމެކެވެ.

ވަކިވަކި މަސްތަކަށް ބަލާއިރު، ނިމިދިޔަ މެއި މަހު އެކަނިވެސް އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 234 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ވިޔަފާރިތަކުން ދެއްކި 102 މިލިއަން ރުފިޔާ އާއި އަމިއްލަ ފަރުދުންގެ އަތުން ލިބުނު 28 މިލިއަން ރުފިޔާ ހިމެނެ އެވެ.

ދިވެހިރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ ޖެނުއަރީ 1، 2020 ގައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން އައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނާއި ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ވަނީ އުވިފަ އެވެ.

އިންކަމް ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ބޭރު މީހުންވެސް ހިމެނެ އެވެ. ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ވެސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0