ފްލެޓަށް ކުރިމަތިލާއިރު އެންސްޕާ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފި
އެންސްޕާ ކާޑުގެ ކޮޕީއާއި ނުލާ ފްލެޓް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް ހަދައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް އިތުރު ލިޔުމަކާ ނުލާ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މާދަމާ ރޭ 11:59 އެއްގައި ހަމަވާނެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގައި ހިމެނޭ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މި ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިޔާގެ ނަމުގައި އެޕްލިކޭޝަން ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެންސްޕާގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އެކަން ސާބިތުކުރުމަށް، އެންސްޕާއިން ދޫކުރާ ކާޑުގެ ކޮޕީ މިހާރު ހުށައަޅަން ނުޖެހޭނެކަމަށެވެ. އަދި އެލިޔުމާ ނުލާވެސް އެޕްލިކޭޝަން ބަލައިގަންނަކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިދިޔަ ފެބުރުވަރީ މަހު އުސޫލަށް ގެނައި ބަދަލުގައި ވަނީ، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހުންނަށްކަމަށްވީ ނަމަވެސް، މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން އަންނަނީ އިންޑިއާ އަދި ޗައިނާއާއި ގުޅިގެން 4500 އެއްހާ ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޙަލާގައި ކުރަމުންނެވެ. މީގެ އިތުރުން އަމިއްލަ ގޯތީގައި ބޯހިޔާވަހިކަން ތަރައްޤީކުރުމަށްޓަކައި ލުއި ލޯނުގެ އެހީގައާއި ކުންފުނިތަކާއި ހަވާލުކޮށްގެން އަތޮޅުތަކުގައިވެސް ގިނަ މަޝްރޫޢުތަކެއްދަނީ ހިންގަމުންނެވެ.
ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން، ގޯއްޗަށާއި ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތު ހޯމަދުވަހުގެ ރޭ 11:59 ގައި ހަމަވާނެއެވެ.






ރިއެކްޓް