ކޮރަޕްޝަން ހުއްޓުވުމުގެ އެންމެ ބޮޑު ދައުރެއް އޮތީ ސިވިލް ސަރވެންޓުންނަށް: މިނިސްޓަރ ޝަފީއު
ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ފަރާތްތައް ކަމަށެވެ. އަދި ދިވެހި ސިވިލް ސާވިސްގައި ކޮންޓްރެކްޓު މުވައްޒަފުން ހިމެނޭހެން 35,000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މިއީ އާބާދީގެ ކޮންމެ 15 މީހަކަށް މުވައްޒަފެއްގެ ނިސްބަތްކަން ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުންވެސް މިކަމަށް ބޮޑު ހޭދައެއް ކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝަފީޢު ވިދާޅުވީ، އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހިނުވާނެ ކަމަށެވެ. އެހެންކަމުން ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ބާރަކީ ސިވިލް ސާވިސް މުވައްޒަފުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ބައްޓަން ކުރުމަށްޓަކައި އެންމެ ބޮޑު އެއްބާރުލުމެއް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތިޔަ ސިވިލް ސާވެންޓުންނަށް. ހަލުވި މަސައްކަތަކާއިއެކު ޕްރޮފެޝަނަލިޒަމްއާއެކު، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ، ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ޚިދުމަތެއް ދެވޭ ފަދަ އޮފީސްތަކަށް އަޅުގަނޑުމެންގެ އޮފީސްތައް ވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
ރައްޔިތުންގެ އެދުމަކީ އަވަސް ޚިދުމަތެއް ލިބުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މުވައްޒަފުން މަސައްކަތަށް ޤަވާއިދުން ނިކުތުމަކީ ޚިދުމަތް އަވަސްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ޚިދުމަތްތައް ލަސްވާނަމަ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާނެ ކަމުގެ އިންޒާރުވެސް މިނިސްޓަރ ދެއްވިއެވެ.
ސަރުކާރުން މިހާރު ކުރިއަށްގެންދާ "މޯލްޑިވްސް 2.0" ގެ މަސައްކަތަކީ ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މަސައްކަތެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް އިސްކަންދޭ ޚިދުމަތުގެ ނިޒާމެއް ބައްޓަން ކުރުމަށް އަޒުމު ކަނޑައެޅުމަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.






ރިއެކްޓް