މީދޫ ބައިއިލެކްޝަނުގައި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމެއް ހަމަޖައްސާފައި ނެތް: އެޗްއާރުސީއެމް
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައިއިލެކްޝަންގެ ވޯޓުލީ ދެ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނޭ އިންތިޒާމް ހަމަޖެހިފައި ނެތްކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ ދަށުން އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު މޮނިޓަރ ކުރުމުގެ ޒިންމާގެ ދަށުން، އެ ކޮމިޝަނުން ވަނީ މީދޫގައި ހުރި ދެ މަރުކަޒުގެ އިތުރުން މާލޭގައި ބެހެއްޓި މަރުކަޒުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ބަލާފައެވެ. މިއީ މިނިވަން، އިންސާފުވެރި އަދި ހާމަކަން ބޮޑު އިންތިޚާބެއްތޯ ކަށަވަރު ކުރުމަށް ކުރި މަސައްކަތެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެޗްއާރުސީއެމް އިން ފާހަގަކުރި ގޮތުގައި، ވޯޓުލުމުގެ ކަންކަން މައިގަނޑު ގޮތެއްގައި ކުރިއަށް ގޮސްފައިވަނީ ސުލްޙަވެރިކަމާއި އަމާންކަމާއެކުގައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ޖުމްލަގޮތެއްގައި ފުރިހަމައަށްކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ.
މީގެ އިތުރުން، އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރި ދައުރާއި، ކެންޑިޑޭޓުންނާއި ޕާޓީތަކުން ދެއްވި އެއްބާރުލުން އެޗްއާރުސީއެމް އިން ވަނީ ބަލައިގެންފައެވެ. އަދި ވޯޓުލުމުގެ ޙައްޤު އަދާކުރި ރައްޔިތުން ދިމިޤްރާތީ ރޫޙު ދެމެހެއްޓުމަށް ކުރި މަސައްކަތްވެސް ކޮމިޝަނުން ފާހަގަކުރިއެވެ.
ނަމަވެސް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވޯޓުލާ މަރުކަޒުތަކަށް ވަދެނިކުމެވުމުގައި ހުރި ދަތިތަކަކީ ކުރިއަށް އޮތް ތަނުގައި އިސްލާހުކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.






ރިއެކްޓް