ޚަބަރު

ރައީސް މުޢިއްޒާއި އިހުސާނަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމުގެ ވިސްނުމެއްނެތް: ފުލުހުން

9 ޖޫން 2026 - 21:27
ރައީސް މުޢިއްޒާއި އިހުސާނަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމުގެ ވިސްނުމެއްނެތް: ފުލުހުން
ރައީސް މުޢިއްޒާއި މިނިސްޓަރ އިހުސާނު ފުލުހުންގެ އިވެންޓެއްގައި ބައިވެރިވެލައްވަނީ --

ރައީސް މުޢިއްޒާއި މިނިސްޓަރ އިހުސާނު އަދި އެޓާނީޖެނެރަލް އުޝާމުގެ މައްޗަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ކުރެއްވި ތުހުމަތުތަކުގެ ތެދު ދޮގު ބެލުމަށް ތަހުގީގެއް ހިންގުމުގެ ވިސްނުމެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން އާރިފު ވިދާޅުވީ "އަދި ތި މައްސަލަ ތަހުގީގެއް ނުކުރޭ. މައްސަލައެއް ހުށަހަޅާފައެއްވެސް ނެތް. މިހެން ބުނީމަ މާނަ ނެގިދާނެ އަދި ފަހުން ބަލާފާނެއޭ. އެކަހަލަ ވިސްނުމެއް ނެތް" މިފަދައިންނެވެ.

މުޢިއްޒާއި އިހުސާނަށް އަދި އޭޖީ އުޝާމަށް ޝަމްއާން ކުރި ތުހުމަތުތަކުގެ ތެރޭގައި ރާއްޖޭގެ ބޯޑާކޮންޓްރޯލް ސިސްޓަމް ބަޔަކަށް ވިއްކާލުން ހިމެނޭއިރު މި ކަމަކީ ޤައުމީ ސަލާމަތާއި ގުޅުންހުރި ކަމަކަށް ވުމުން އެފަދަ މައްސަލަތައް ފުލުހުންގެ އަމިއްލަ އިސްނެގުމުގައި ތަހުގީގުކުރާނެތޯ "ވިރާސީ" އިން ސުވާލުކުރުމުންވެސް އާރިފު ވަނީ މައްސަލަ ތަހުގީގު ނުކުރާނެކަމަށް ބުނެފައެވެ. އަދި ހެއްކާއި ގަރީނާއާ ލިބޭނެކަމަށް ނުފެންނަ މައްސަލަތައް ފުލުހުން ވަކި އިސްކަމެއްދީގެން ތަހުގީގުނުކުރާނެކަމަށް އާރިފު ވިދާޅުވިއެވެ.

އަދި މިކަންކަމާއި ގުޅިގެން ފުލުހުންނަށް އެކި މީޑިއާތަކުން ކުރިމަތިކޮށްފައިވާ ސުވާލުތަކަށް ޖަވާބު ނުދޭ ސަބަބާއި ގުޅޭގޮތުން އާރިފު ވިދާޅުވީ "ނޫސްވެރިން ކޮށްފައިހުރި ސުވާލުތަައް އަސްލު ކުރަންޖެހޭނީ ތުހުމަތު ކުރެވޭ ފަރާތްތަކާއި" ކަމަށެވެ. 

ރައީސްއަށް ކުރެވޭ ތުހުމަތުތަށް ސަރުކާރުގެ ތަރުޖަމާނު މުންދު ދޮގުކޮށްފައިވާއިރު، މިނިސްޓަރ އިހުސާނާއި އޭޖީ އުޝާމަށް ކުރެވޭ ތުހުމަތުތައް ދޮގުނުކޮށް ސަރުކާރުން ވަނީ ދޫކޮށްލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0