ޕެންޝަން ޖަމާނުކޮށްގެން މުޒާހަރާ ކުރި ވެމްކޯގެ ދެ މުވައްޒަފުން ވަޒީފާއިން ކަނޑާލައިފި
ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާތާ އެތަކެއް މަހެއްވުމުން، އެކަމާ ދެކޮޅަށް މުޒާހަރާ ކުރި ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުން ކަމަށްވާ އަލީ ނާބިތު މުހައްމަދު އަދި މުހައްމަދު ނާއިފު ވަޒީފާއިން ވަކިކޮށްފި އެވެ.
މި ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ފޮނުވި ލިޔުމުގައި ސޮއިކުރައްވާފައިވަނީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެވެ.
އެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން ނުވަތަ ހިޔާނާތެއް ވެފައިވާ ކަމަށް ތުހުމަތު ކޮށެވެ.
ޕެންޝަން ފައިސާ ޖަމާނުކޮށް ދިގުލައިގެންދާތީ، އެކަމަށް ހައްލެއް ހޯދުމަށް އެދި ތިނަދޫ ވެމްކޯ ބްރާންޗު ކުރިމަތީ އެ މުވައްޒަފުން މުޒާހަރާ ކުރީ މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ. މުވައްޒަފުން ބުނާ ގޮތުގައި، ކުންފުނިން ޕެންޝަން ފައިސާ ނުދެއްކި ނަމަވެސް، ކޮންމެ މަހަކު މުވައްޒަފުންގެ މުސާރައިން ޕެންޝަނަށްވާ ފައިސާ އުނިކުރަމުންދެ އެވެ.
އަދި މީގެ އިތުރުން އެމްއައިބީ ސްކީމްތަކަށް މުވައްޒަފުންގެ މުސާރައިން ކަނޑާ ފައިސާ ބޭންކަށް ޖަމާނުކުރާ މައްސަލަ ވެސް ވެމްކޯ މުވައްޒަފުން ދަނީ ޖައްސަމުންނެވެ.
ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ އެންމެފަހުން ޖަމާކޮށްފައިވަނީ އޮކްޓޯބަރު 16، 2024 ގަ އެވެ. އޭގެ ފަހުން އެއްވެސް ފައިސާއެއް ޖަމާކޮށްފައެއް ނުވެ އެވެ. މިދިޔަ ޖެނުއަރީ މަހު ވެމްކޯއިން ވަނީ ޕެންޝަން ފައިސާ ޖަމާނުކުރެވޭކަމަށް އެއްބަސްވެފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އެކަން ދިމާވަނީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެންދާތީ އެވެ.
ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓު މުވައްޒަފުގެ އަތުން އުނިކޮށް، ހަމަ އެ އަދަދަށްވާ ފައިސާ ވަޒީފާދޭ ފަރާތުން ޕެންޝަން ފަންޑަށް ދައްކަން ލާޒިމުވެ އެވެ. ނަމަވެސް ވެމްކޯއިން މި ގާނޫނީ ޒިންމާ އަދާނުކުރާތާ މިހާރު ވަނީ 19 މަސް ވެފަ އެވެ.
ވެމްކޯއަކީ ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން ގެންގުޅޭ އެއް ސަރުކާރު ކުންފުންޏެވެ. ކުންފުންޏަށް ފައިސާ ހޯދުމުގައި ހުރި ދަތިތަކާ ހުރެ، 2023 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގެ ކުނި ބިލު ވަނީ ކަރަންޓު ބިލާ އެއްކޮށްލައިފަ އެވެ.







ރިއެކްޓް