ޚަބަރު , ސިޔާސީ

މިލަންދޫ އެއަރޕޯޓު ރަންވޭއަށް ހިއްކި ބިން ހިމާޔަތްކުރުން ލަސްވެ ރަށުގެ ހޭޅިފަށަށް ބޮޑެތި ގެއްލުންތަކެއް

8 ޖޫން 2026 - 15:18
މިލަންދޫ އެއަރޕޯޓު ރަންވޭއަށް ހިއްކި ބިން ހިމާޔަތްކުރުން ލަސްވެ ރަށުގެ ހޭޅިފަށަށް ބޮޑެތި ގެއްލުންތަކެއް
ފޮޓޯ : ސޯޝަލް މީޑިއާ

ށ. މިލަންދޫ އެއަރޕޯޓް ރަންވޭ އެޅުމަށްޓަކައި ހިއްކާފައިވާ ބިން ހިމާޔަތްކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން، އެ ރަށުގެ ގުދުރަތީ ހޭޅިފަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ފާޅުކުރަން ފަށައިފިއެވެ.

މިގޮތުން އެއަރޕޯޓް ރަންވޭގެ ކޮޅުން ބަނދަރު ސަރަހައްދާ ދިމާލުން މިހާރު ވަނީ އާ ތުނޑިއެއް އުފެދި، ބަނދަރުގެ ރިވެޓްމެންޓާ ގުޅިފައެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކައި ނިމުމާ ގުޅިގެން ސަރުކާރުން ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ އުފާ ފާޅުކޮށް ގިނަ ޕޯސްޓްތަކެއް ކޮށްފައެވެ. ނަމަވެސް، ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާތީ، އޮއި ދެމޭގޮތަށް އޮތް ބޮޑު ސަރަހައްދެއް މިހާރު ވަނީ ބެދިފައެވެ.

މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ ފަޅުތެރެ ތަޣައްޔަރުވެ، ރަށުގެ ގޮނޑުދޮށަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. ބީޗާއި އެއަރޕޯޓް ލިބޭގޮތަށް ޕްލޭންކޮށްގެން ހިއްކި ފަސްގަނޑު ހިމާޔަތް ނުކުރެވި ލަސްވަނީ ކީއްވެތޯ ސުވާލު އުފައްދައި، މިއީ ސަރުކާރުގެ ސަމާލުކަމަށް އަންނަންޖެހޭ މުހިންމު މައްސަލައެއް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

ރަށުގައި މިވަގުތު ހުރި ވެހިކަލްތައް ބޭނުންކޮށްގެން، އޮއިދެމޭގޮތަށް އެ ބޮޑުވަމުންދާ ތުނޑި ކޮނުމަށް ކައުންސިލްގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށްވެސް ރައްޔިތުން ފާހަގަކުރެއެވެ. "މިކަމަށް އަވަސް ހައްލެއް ބޭނުންވޭ، ނޫންނަމަ ރަށުގެ ގުދުރަތީ ރީތިކަން ގެއްލިދާނެ،" މިލަންދޫގެ ރައްޔިތަކު ބުންޏެވެ.

މި މައްސަލައިގައި ކަމާބެހޭ މިނިސްޓްރީތަކުގެ ސަމާލުކަން ހޯދުމަށް ރައްޔިތުން އެދެމުންދާއިރު، ހިއްކި ބިން ހިމާޔަތްކުރުމުގެ މަސައްކަތް އަވަސްކުރުމަކީ މިވަގުތު ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0