ޚަބަރު , ސިޔާސީ

ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

7 ޖޫން 2026 - 11:47
ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކަށް މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ ހަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިކަން އިއުލާނު ކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބެއްގައެވެ.

ރައީސް ވިދާޅުވީ މި ފައިސާއަކީ ކޮންމެ އަހަރަކު އާންމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ހަރަދުކުރާނޭ ފައިސާ ކަމަށެވެ. މި ނިންމެވުމާއެކު، ފާއިތުވި އަހަރުތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން އިތުރަށް ހަރުދަނާވެ، މަތީ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ބެލެހެއްޓުމަށާއި، އެފަދަ ތަންތަނަށް ބޭނުންވާ މަރާމާތާއި މޮނިޓަރިންގ މަސައްކަތްތަކަށެވެ. މީގެ އިތުރުން ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މަދަނީ ޖަމިއްޔާތަކާއި ސްކޫލްތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ވަސީލަތްތައް ނެތުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "މި މަސައްކަތްތަކަށް އަހަރުން އަހަރަށް، ޔަޤީންކަމާއެކުގައި ލިބޭ ބަޖެޓް ނެތުމަކީ ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަސް" ކަމަށެވެ. އެހެންކަމުން މި އާ ފަންޑުގެ ސަބަބުން ދުރުރާސްތާގެ މަޝްރޫއުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަން ބިނާވެފައިވަނީ ގުދުރަތީ ރީތިކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފަރުދީ އަދި ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ މިއަދު މަޖުބޫރު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދަކީ އަންނާން އޮތް ޖީލުތަކަށް މި ނާޒުކު ތިމާވެށި ފޯރުކޮށްދިނުމަށް އަޒުމު އާކުރަންވީ ދުވަސް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0