ސޯބެގެ ކެމްޕެއިން ނިންމާ ޖަލްސާ މިރޭ އައްޑޫގައި
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމާލުމުގެ ބޮޑު ޖަލްސާ އައްޑޫ ސިޓީގައި މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ހިތަދޫ ސްކޫލްގައެވެ.
މި ޖަލްސާގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި ބައިވެރިވެވަޑައިގަތުމެވެ. މީގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ކަމަށްވާ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައި ވެސް ނަޝީދާއި ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސޯބެގެ ކެމްޕެއިން ވަރުގަދަވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓް ނަންބަރު 2، އަބްދުﷲ ސޯދިގު (ސޯބެ) އާއި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓް ނަންބަރު 1، އަހްމަދު ސައީދެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ކުރިން ހުންނެވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.






ރިއެކްޓް