ޚަބަރު , ސިޔާސީ

އަފީފް ހިންގި ކޮރަޕްޝަނުން ދައުލަތަށް ގެއްލުމެއް ނުލިބޭ: ޕީޖީ އޮފީސް

4 ޖޫން 2026 - 12:25
އަފީފް ހިންގި ކޮރަޕްޝަނުން ދައުލަތަށް ގެއްލުމެއް ނުލިބޭ: ޕީޖީ އޮފީސް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސެއިންއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ އެ އަމަލުގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން ބުނެއެވެ.

މި މައްސަލައަކީ މީގެ ފަސް އަހަރު ކުރިން، އަފީފް ޕަބްލިކް ވޯކްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު، އޭނާގެ އަނބިކަނބަލުންގެ ކާރެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ގަރާޖަކަށް ރެޖިސްޓްރީ ކުރުމަށް ސިޓީއެއް ތައްޔާރުކުރި މައްސަލައެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބަލައިފައެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވީ، އެ ސިޓީގައި އެދިފައިވާ ގޮތަށް މާލެ ސިޓީ ކައުންސިލުން އެ ކާރު ރެޖިސްޓްރީ ކޮށްދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުމެއް އަދި އަފީފަށް އެއްވެސް ނާޖާއިޒު ފައިދާއެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޮރަޕްޝަންގެ އަމަލެއް، މި ދެންނެވީ ނާޖާއިޒު މަންފާއެއް ނާޖާއިޒު ފައިދާއެއް އެއްވެސް މީހަކަށް ލިބިފައި ނެތް ހާލަތުގައި އަނެއްކާ ދައުލަތަށް ވެސް މި އަމަލުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބި ޕްރިވެންޓު ކުރެވިފައިވާ ހާލަތުގައި އަޅުގަނޑުމެންނަށް ފެނުނީ މި މައްސަލައިގައި މުހައްމަދު އަފީފް ހުސެއިން އާއި އާދަމް ޝަފީއުގެ މައްޗަށް އިދާރީ ފިޔަވަޅު އެޅިފައި ވާތީ އިތުރަށް ޖިނާއީ ދައުވާއެއް ޕާސޫ ކުރުމުގެ މަސްލަހަތެއް ނެތޭ،" ޝަފީއު ވިދާޅުވިއެވެ.

މި މައްސަލައިގައި އަފީފްގެ އިތުރުން، އޭނާ އެދިގެން އެ ސިޓީ ތައްޔާރުކުރި އާދަމް ޝަފީއުއަށް ވެސް މީގެ ކުރިން އިދާރީ ފިޔަވަޅު އަޅާފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. މި މައްސަލައަކީ މާލެ ސިޓީގެ ކުރީގެ ކައުންސިލަރު ސައިފް ފާތިހު ހުށަހެޅުއްވި މައްސަލައެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0