ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށްދާން އާސަންދަ ދެނީ
ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، އެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކާއި ބަލި މީހާގެ ހާލަތަށް ރިއާޔަތްކޮށް، އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވޭ ގޮތަށް އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ބަދަލު ގެނެސް އާންމުކޮށްފިއެވެ.
މީގެ ކުރިން އަމަލުކުރަމުން އައި ގަވާއިދު އޮންނަ ގޮތުން، އާސަންދަ އެހީގެ ދަށުން ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ.
ސަރުކާރުން މިވަނީ މި އުސޫލަށް ބޮޑެތި ލުއިތަކެއް ދީ، އާންމުންނަށް ބޭސްފަރުވާގެ ކަންކަން ފަސޭހަކޮށްދިނުމަށް ނިންމައިފައެވެ. އާސަންދަ ގަވާއިދަށް އަލަށް އިތުރުކުރި މާއްދާގައިވާ ގޮތުން، ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، ބައެއް ކަންކަމަށް ބެލުމަށްފަހު ބޭރަށް ފޮނުވުމުގެ ހުއްދަ ދެވޭނެއެވެ. އެގޮތުން ބަލީގެ ބާވަތާއި ބަލިމީހާގެ ހާލަތު، ރާއްޖޭގައި އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ބަލިމީހާގެ ވަށައިގެންވާ އެހެނިހެން އިޖުތިމާއީ އަދި ސިއްހީ ކަންކަމަށް ރިއާޔަތްކުރާނެއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން މާލެ އައިސް، މާލެއިން ބޭރަށް ފަރުވާއަށް ގޮސް އެނބުރި އަންނަ މީހުންނަށްވެސް އާސަންދައިގެ އެހީތެރިކަން މިހާރު ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ހާއްސަ ޑޮކްޓަރުން ލަފާދިނުމުން، އެނބުރި ރަށަށް ދިއުމާ ހަމައަށް ހިނގާ ހަރަދުތަކަށްވެސް އާސަންދައިގެ އެހީ ލިބޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލާއެކު، މީގެ ކުރިން އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދެމުން އައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ ހަރަދުތައް ވެސް މިހާރު އާސަންދަ ސްކީމުން ލިބޭނެއެވެ. މީގެ ތެރޭގައި ހިއަރިން އެއިޑާއި ވީލްޗެއާ ފަދަ ތަކެތި ހިމެނެއެވެ. މި ތަކެއްޗަކީ މީގެ ކުރިން އާސަންދަ ސްކީމުން ނުލިބޭ ކަންކަމުގެ ލިސްޓުގައި ހިމެނޭ ތަކެއްޗެވެ.






ރިއެކްޓް