ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލުކުރުމަކީ ގޯސް ނިންމުމެއް: ސީޕީ ހަމީދު
ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ނަމުގެ ކުރިއަށް "ނެޝަނަލް" މި ބަސް ގެނައުމުން އެކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ.
މި ބަދަލާ ގުޅިގެން ހަމީދު އޭނާގެ ބްލޮގްގައި ޝާއިއުކުރެއްވި މަޒުމޫނެއްގައި ވިދާޅުވީ، ސަލާމަތީ މުއައްސަސާތަކުގައި ބޭނުންކުރާ ނަންނަމަކީ ހަމައެކަނި އިދާރީ ބަދަލެއް ނޫން ކަމަށާއި، އެއީ އެ މުއައްސަސާއެއްގެ ބާރާއި މެންޑޭޓު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އެގޮތުން ގާނޫނީ ސާފު އަސާސެއް ނެތް ނަމެއް ބޭނުންކުރުމުން އެތެރޭގެ އަދި ބައިނަލްއަގުވާމީ މުއާމަލާތްތަކުގައި އޮޅުންތަކެއް އަރާފާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމީދު ވަކިން ހާއްސަކޮށް ފާހަގަކުރެއްވީ ރާއްޖޭގައި ވަކި "ނެޝަނަލް" ނުވަތަ ގައުމީ ފެންވަރުގެ އިންޓެލިޖެންސް އިދާރާއެއް އުފެއްދޭނީ ފުލުހުންގެ އެތެރޭގެ އިދާރީ ނިންމުމަކުން ނޫން ކަމަށާއި، އެކަމަށް ހާއްސަ ގާނޫނެއް ވުޖޫދަށް އަންނަން ޖެހޭނެ ކަމެވެ. މި ނިންމުމާއެކު ގައުމީ ސަލާމަތީ އޮނިގަނޑާއި ގާނޫނީ ހަމަތަކާ ގުޅޭ ގޮތުން ސިޔާސީ އަދި އިދާރީ ދާއިރާތަކުގައި ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފަ އެވެ.
ގައުމީ ސަލާމަތީ އޮނިގަނޑަށް މި ބަދަލުން ކުރާ އަސަރާ ގުޅޭ ގޮތުން ވެސް ހަމީދު ވާހަކަދެއްކެވި އެވެ. އެގޮތުން ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް އަދި އިމިގްރޭޝަނަކީ ވެސް ގައުމީ ސަލާމަތަށް ބޭނުންވާ މައުލޫމާތު އެއްކުރާ އިދާރާތަކަށް ވާއިރު، ވަކި މުއައްސަސާއަކުން "ގައުމީ" ނަން ބޭނުންކުރުމުން އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ކޯޑިނޭޝަނަށް ބުރޫ އަރާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހަމީދު ވިދާޅުވި އެވެ. މިފަދަ ނިންމުމެއްގެ ސަބަބުން މުއައްސަސާތަކުގެ މެދުގައި ނުތަނަވަސްކަން އުފެދި، ގައުމީ ސަލާމަތީ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އިންޓެލިޖެންސްގެ ގާބިލުކަން ބިނާ ވަނީ ބޮޑު ނަމެއް ކިޔުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ކުރެވޭ ޕްރޮފެޝަނަލް މަސައްކަތުގެ ފެންވަރުން" ސީޕީ ހަމީދު
ހަމީދުގެ މި ވާހަކަފުޅުން ދޭހަވަނީ މުއައްސަސާތައް ހަރުދަނާ ކުރުމުގެ މަގަކީ ބޮޑެތި ނަންނަން ކިޔުން ނޫން ކަމަށާއި، ގާނޫނީ ބާރު ލިބިގެން ޕްރޮފެޝަނަލް ފެންވަރުގައި މަސައްކަތް ކުރުން ކަމެވެ. މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފުލުހުންގެ ޚިދުމަތަށް ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް ފުލުހުންގެ ޚިދުމަތުން މި ބަދަލާ ގުޅޭ ގޮތުން ރަސްމީ ބަހެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.






ރިއެކްޓް