ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރި ދެ މީހަކު ހައްޔަރުކޮށްފި

1 ޖޫން 2026 - 19:15
މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރިކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

2026 މެއި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި އޮޕަރޭޝަނުގައި އެ ރަށުގެ 4 ގެއެއް ބަލައިފާސްކޮށްފައިވެއެވެ. މި ފާސްކުރުންތަކުގެ ތެރެއިން ވަގުތީ ބަރުދަނުގައި ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މި ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ ދެ މީހުންނެވެ. އެއީ މުޙައްމަދު ޢަޠޫފް ޙަބީބް (25އ)، އެތެންސް / ގއ. ވިލިނގިލި އަދި މުޙައްމަދު ރާއިފް ޙުސައިން (20އ)، ދެތަޑިމާގެ / ގއ. ވިލިނގިލި އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަޠޫފް 15 ދުވަހަށް އަދި ރާއިފް 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު (17/2011) އަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު މަސައްކަތެކެވެ. މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކުރުމަކީވެސް މި އޮޕަރޭޝަނުގެ މުހިންމު މަގުސަދެކެވެ.

މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1