އެމްއެމްޕީއާރްސީގެ މައްސަލާގައި ބައްސާމްގެ މައްޗަށް ދައުވާ ކުރަނީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގާފައިވާ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
އޭސީސީއާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނަށް ފަހު، ގ. ފަހިވާގެ، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލުމަށް އެދިފައިވަނީ މަނީ ލޯންޑްރިންގ ކުށުގެ ދައުވާއެވެ. މި މައްސަލައަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައާ ގުޅުންހުރި މައްސަލައެކެވެ.
ތަހުޤީޤަށް ހާމަވެފައިވާ ގޮތުގައި، އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިވެގެން ބައްސާމްގެ އެކައުންޓަށް 29,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. އޭސީސީން ބުނެފައިވަނީ މި ފައިސާ ބައްސާމް ބޭނުންކޮށްފައިވަނީ އޭނާގެ އަމިއްލަ ބޭނުންތަކަށް ކަމަށެވެ.
މީގެއިތުރުން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ މުއާމަލާތްތަކުގައި ބައްސާމް އަމަލީގޮތުން ބައިވެރިވެފައިވާކަންވެސް ތަހުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ބައެއް އެއްބަސްވުންތަކުގައި އެމްއެމްޕީއާރްސީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ބައްސާމް ސޮއިކޮށްފައިވާ ކަމަށްވެސް އޭސީސީން މައުލޫމާތު ދީފައިވެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުޤީޤު އަވަސްކުރުމަށް ޕީޖީ އޮފީހުން މީގެކުރިން އަންގާފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ މި މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކާއެކު ހަދާފައިވާ އިމިޔުނިޓީ އެއްބަސްވުންތައްވެސް އުވާލާފައެވެ. ބައްސާމް އަދީލް ޖަލީލް މިހާރުވެސް ހުރީ އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައެއްގައި ކުށް ސާބިތުވެ ޖަލު ހުކުމެއްގައެވެ.






ރިއެކްޓް