ރައީސް ޔާމީން ރައީސް މުއިއްޒައް: ފިރިހެނެއްވިއްޔާ ދިފާއުކޮއްލަން ކެރެންވާނެ
ފިރިހެނެއްވިއްޔާ ކުރިމަތިލާން ކެރެންވާނެ ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު "ގެގް" އޯޑަރަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ތުހުމަތުތަކުން ދިފާއު ނުވެ މުޅި އުންމަތުގެ އަނގަމަތި ބަންދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި އެ އަމުރަކީ ރައީސް މުއިއްޒުގެ އޯޑަރަށް ޕްރޮސެކިއުޓަރ ޖެނެރަލް އެދިގެން ނެރުނު އަމުރެކެވެ.
ރައީސް ޔާމީން ވިދާޅުވީ، "ފިރިހެނެއް ވެއްޖިއްޔާ ކެރެންވާނެ ދެއްތޯ އޭނަ ކޮށްފަހުރި ކަމެއް، ނުކުރާ ކަމެއް ދިފާއުކޮއްލަން ކެރެންވާނެ. އެހެން ނުކުރެ މުޅި އުއްމަތުގެ އަނގަމަތީގައި ގަމްތެރަސް އެޅުވިޔަކަސް އަދި ކަމަކު ނުދާނެ ދެއްތޯ،" މިފަދައިންނެވެ. ސިޔާސީ ގޮތުން ކިތަންމެ ދޮގެއް ހެދިޔަސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން ޔާމީން ސުވާލު އުފެއްދެވީ، އެފަދަ ދޮގު އެންމެ ގިނައިން ހަދަނީ ރައީސް މުއިއްޒު ކަމަށް ވުމުން އެގޮތަށް ވިދާޅުވީތޯއެވެ.
މީގެ އިތުރުން، ރައްޔިތުންނާއި ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި ކޯޓު އަމުރު މެދުވެރިކޮށް އަނގަ ބަންދުކުރުމަކީ ވެރިއެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލަ ނަފްސަށް އަމާޒުވާ ބޮޑެތި ތުހުމަތުތަކުން ދިފާއުވުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށެވެ.
ޖަލްސާ ނިންމަވާލައްވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުން ގާނޫނު ނަގަހައްޓަން މަސައްކަތް ނުކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ގާނޫނު ދެމެހެއްޓުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، އެކަމާ މެދު ސުވާލު އުފައްދަވާފައެވެ






ރިއެކްޓް