އެމްޑީޕީގެ ކެންޑިޑޭޓް ސޯބެއަށް ވޯޓު ދިނުމަކީ އަޅުގަނޑުގެ އިލްތިމާސް: ރައީސް ޔާމީން
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީއެންއެފްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން ގޮނޑި ހުސްވެގެން ބާއްވާ މި އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު ވެރިކަންކުރާ ޕީއެންސީން ކުރިމަތިލާ ކެންޑިޑޭޓުންނަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓު ނުދިނުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ. އަދި މިހާރު އޮތް ހާލަތު ބަދަލުކުރުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
"އެހެންވީމާ މިފަހަރު އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންނަށް އަޅުގަނޑު ކޮށްލަން ބޭނުންވާ އިލްތިމާސަކީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓް ނުދެއްވާށޭ، ޕީއެންސީ ކެންޑިޑޭޓަށް ވޯޓް ނުދެއްވާށޭ، އެތަނުގަ ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް، އެހެންވީމާ މިހާރު އޮތް ހާލަތު ބަދަލު ކުރާ ކަމަށްވަންޏާ ހަމަ ކުރީގަ ހަމަ އަޅުގަނޑު އިލްތިމާސް ކުރި ގޮތަށް ޕީއެންސީ ކެންޑިޑޭޓަށް ވުރެން އަޅުގަނޑު އިހުތިޔާރު ކުރަނީ އެތަނުގަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދެއްވުން އެންމެ ރަގަޅީ އިގޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މި ސަރުކާރާ ދެކޮޅަށް ރައީސް ޔާމީންގެ އިތުރުން އެމްޑީޕީގައި ތިއްބެވި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން މިހާރު ވަނީ އިދިކޮޅު ސިޔާސީ ހަރަކާތެއް ފައްޓަވައިފަ އެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕީއެންއެފްގެ ކައުންސިލުން ވެސް ވަނީ ރުހުން ދީފަ އެވެ






ރިއެކްޓް