ޚަބަރު

ހާމަކުރުން ލާޒިމުކުރާ މަޢުލޫމާތެއް ހޯދަން އެދުމުން އެޗްޑީސީން ބުނީ އެއީ ސިއްރެއް ކަމަށް

4 ޖޫން 2026 - 12:55
ހާމަކުރުން ލާޒިމުކުރާ މަޢުލޫމާތެއް ހޯދަން އެދުމުން އެޗްޑީސީން ބުނީ އެއީ ސިއްރެއް ކަމަށް

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެޗްޑީސީން އަމިއްލަ އިސްނެގުމުގައި ހާމަކުރަން ޖެހޭ މަޢުލޫމާތެއް ހޯދުމަށް އެކުންފުނީގައި އެދުމުން އެ މަޢުލޫމާތަކީ ސިއްރެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެޗްޑީސީގެ މުވައްޒަފުންގެ މުސާރައަށް އެކުންފުނިން ޚަރަދުކުރާ ފައިސާގެ ތަފްސީލް ހޯދުމަށް އެޗްޑީސީގައި އެދުމުން އެ ކުންފުނިން ވަނީ އެ މަޢުލޫމާތަކީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުންފުންޏަށް ހާމަނުކޮށް ހިފެހެއްޓޭނެ މަޢުލޫމާތު ކަމަށް ބުނެ އެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިންކާރުކޮށްފައެވެ. 

އެޗްްޑީސީން މަޢުލޫމާތު ހާމަނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑުއެހުމުގައި އެކުންފުނިން ބުނެފައިވަނީ އެ މަޢުލޫމާތު ހާމަކުރުމުން ކުންފުންޏަށް ފޫނުބެދޭ ވަރުގެ ގެއްލުން ލިބޭނެ ކަމަށެވެ.

ނަމަވެސް އެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ފ) ގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގެ ދަށުން މަދުވެގެން އަހަރަކު އެއްފަހަރު އެ އިދާރާއެއްގެ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި ޢިނާޔަތް ހާމަކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މުވައްޒަފުންގެ މުސާރައިގެ މަޢުލޫމާތުގެ އިތުރުން އެޗްޑީސީން ނުދީ ހިފަހައްޓާފައިވާ މަޢުލޫމާތުގެ ތެރޭގައި އެ ކުންފުންޏަށް ލިބެންޖެހި ނުލިބިވާ ފައިސާގެ މަޢުލޫމާތު ހިމެނެއެވެ.

މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މިހާރު ދަނީ ބަލަމުންނެވެ. އަދި މި މަޢުލޫމާތުތައް 5 ދުވަހުގެ ތެރޭގައި ހާމަކުރުމަށް މިހިނގާ ޖޫންމަހުގެ 2 ވަނަ ދުވަހު އައިކޮމުން ވަނީ އެޗްޑީސީއަށް އަންގާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0