ޚަބަރު

ބުކިންޑޮޓްކޮމް އިން ރިފަންޑު ދެނީ ކަމަށް ބުނެ ސްކޭމެއް، ސަމާލުވޭ!

2 ޖޫން 2026 - 10:49
ބުކިންޑޮޓްކޮމް އިން ރިފަންޑު ދެނީ ކަމަށް ބުނެ ސްކޭމެއް، ސަމާލުވޭ!

މަޝްހޫރު ޓްރެވަލް ޕްލެޓްފޯމް ބުކިންޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމަށް އާ ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި މިއީ މީހުންގެ ބޭންކް ކާޑުގެ މައުލޫމާތު ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވަމުންދާ ފިޝިން ލިންކުތަކެކެވެ.

ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ސްކޭމް މެސެޖުތައް ފޮނުވަނީ '1474'ނަމްބަރުންނެވެ. އެ މެސެޖުގައި ބުކިންޑޮޓްކޮމް އިން 9,600 ރުފިޔާގެ ރިފަންޑެއް ލިބިފައިވާ ކަމަށް ބުނެ، އެ ފައިސާ ހޯދުމަށްޓަކައި 24 ގަޑިއިރުގެ ތެރޭގައި އެކައުންޓް ވެރިފައި ކުރުމަށް ލިންކަކަށް ވަނުމަށް ބާރުއަޅާފައިވެއެވެ.

އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރި ގޮތުގައި މި ލިންކުތަކަކީ އޮޅުވާލައިގެން މީހުންގެ އަމިއްލަ އަދި ސިއްރު މައުލޫމާތު ހޯދުމަށް ބޭނުންކުރާ ފިޝިން ލިންކުތަކެކެވެ. މިފަދަ ލިންކުތައް ދެނެގަންނާނެ ގޮތް ހިއްސާކުރަމުން ފުލުހުން ބުނީ، ރަސްމީ ބުކިންޑޮޓްކޮމްގެ ލިންކުގެ ބަދަލުގައި މެސެޖުގައި ވަނީ ކުރު ލިންކެއް ކަމަށާއި، އަދި ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ހޯދުމަށް ބުނެ އަވަސް އަރުވާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ހަނދާންކޮށްދީފައިވަނީ އެއްވެސް ކުންފުންޏަކުން ރިފަންޑް ދިނުމަށްޓަކައި ކާޑުގެ ނަންބަރާއި، ސީވީވީ ނުވަތަ ކާޑުގެ މުއްދަތު ހަމަވާ ތާރީހު ހޯދުމަށް ލިންކު ނުފޮނުވާނެ ކަމަށެވެ. އެހެންކަމުން، ރައްކާތެރިވުމުގެ ގޮތުން އެފަދަ ލިންކުތަކަށް ނުފިތުމަށާއި، އޯޓީޕީ އަދި ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކަށް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، އެއްވެސް ކަމެއްގައި ޝައްކު އުފެދޭނަމަ އެ ކުންފުންޏެއްގެ ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މި ދުވަސްވަރަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް ހިންގުން އިތުރުވެފައިވާ ދުވަސްވަރެއްކަންވެސް ފުލުހުން ފާހަގަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0