އެމްއައިބީ ސްކީމްތަކަށް ވެމްކޯއިން ފައިސާ ނުދައްްކާތީ މުވައްޒަފުންގެ އެކައުންޓުތަކުން ކަނޑަނީ
އެމްއައިބީގެ ސްކީމްތަކަށް މުވައްްޒަފުންގެ މުސާރައިން ކެނޑުމަށްފަހު އެ ފައިސާ އެމްއައިބީއަށް ދައްކާފައިނުވާތީ އެމްއައިބީއިން އެ މުވައްޒަފުންގެ އެކައުންޓުތަކުގައި ހުރި ފައިސާ ކަނޑަންފަށައިފިއެވެ.
މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އައިސްފައިވާއިރު، މުސާރަޖަމާނުވުމުގެ ޝަކުވާ ބޮޑުވެފައިވާ ވެމްކޯގެ މުވައްޒަފުންގެ އެކައުންޓްތަކުން ދެމަހުގެ ސްކީމް ފައިސާ ކަނޑާފައިވާ ސްކްރީންޝޮޓްތަކެއް "ވިރާސީ" އަށް ވަނީ ލިބިފައެވެ.
އެމްއައިބީ އިން އެކި ސްކީމްތައް ނަގާފައިވާ ފަރާތްތަކަށް މަހުންމަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓް މުސާރައިން ކަނޑާ ގޮތަށް ކުންފުނިތަކާއިއެކު އެއްބަސްވުން ހަދައެވެ. ވެމްކޯގެ މުވައްޒަފުންގެ ކަންކަންވެސް ހިނގާފައިވަނީ މިމަގުން ކަމަށާއި އެމްއައިބީއަށް ސްކީމްތަކަށް ދައްކަންޖެހޭ ފައިސާ ޖަމާކުރަނީ މުސާރައިން ކެނޑުމަށްފަހު ވެމްކޯއިން ކަމަށް "ވިރާސީ" އާއި ވާހަކަދެއްކި ވެމްްކޯގެ މުވައްޒަފަކު ކިޔައިދިނެވެ.
"ވިރާސީ" އަށް މަޢުލޫމާތު ދިން އިތުރު މުވައްޒަފަކު ކިޔައިދިން ގޮތުގައި މިމަހު އަދި މިހާތަނަށް މުސާރަޖަމާވީ ވެމްކޯގެ ބައެއް މުވައްޒަފުންނަށެވެ. އަދި މުސާރަ ޖަމާވި މުވައްޒަފުންނާއި މުސާރަޖަމާނުވާ މުވައްޒަފުންގެ އެކައުންޓުންވެސް ސްކީމް ފައިސާ ކެނޑިފައިވާކަމަށް އެ މުވައްޒަފު ވަނީ ސްކްރީންޝޮޓްްތައް ހިއްސާކުރަމުންް ކަށަވަރުކޮށްދީފައެވެ.
މުވައްޒަފުންގެ އެކައުންޓުތަކުން ފައިސާ ކަނޑަން ފެށުމުން މުވައްޒަފުންގެ އާއްމުދިރިއުޅުމަށްވެސް ވަނީ މީގެ ނޭދެވޭ އަސަރު ފޯރާފައެވެ. އެގޮތުން އެމްއައިބީ ސްކީމަށް ދެފަހަރު ފައިސާ ކެނޑުމުން މުވައްޒަފުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
ވެމްކޯގެ މުވައްޒަފުންނަށް މަސް ފެށޭއިރު މުސާރަ ޖަމާނުވާތާ 6 މަސްވެފައިވާއިރު، ޕެންޝަން ޖަމާނުކުރާތާ 15 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.






ރިއެކްޓް