ހުޅުމާލޭގައި ހައްޖުވެރިންނަށް ހާއްސަ ފުލޫ ކުލިނިކެއް ހުޅުވައިފި
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ހައްޖުވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފުލޫ ކްލިނިކެއް ގާއިމްކޮށްފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ކްލިނިކް ގާއިމްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ މައި ކައުންޓަރާ ދިމާލުގައެވެ. މި ކްލިނިކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 14:00 އިން ރޭގަނޑު 22:00 އަށެވެ.
ހައްޖުވެރިންގެ ފުލޫ ކްލިނިކުން ހިދުމަތް ހޯދަން ދާ ފަރާތްތަކުން މާސްކު އަޅައިގެން ދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ބަލި ފެތުރުން ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.
އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ރޯގާގެ އަލާމާތްތައް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ގައިގޯޅިވެ ނޫޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ދިވެހި ހައްޖުވެރިން މިހާރު ރާއްޖެ އަންނަން ފަށާފައިވާއިރު، އެންމެ ފަހު ގްރޫޕްގެ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ދަންވަރު 12:00 ޖަހާއިރުއެވެ. މި ކްލިނިކަކީ ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.






ރިއެކްޓް