ޚަބަރު

ޗާޕުގެ ދެލި ހުރެގެން ވޯޓެއް ބާތިލުވާނެ ކަމަށް ގާނޫނުގައި ނެތް: ސުއޫދު

4 ޖޫން 2026 - 13:35
ޗާޕުގެ ދެލި ހުރެގެން ވޯޓެއް ބާތިލުވާނެ ކަމަށް ގާނޫނުގައި ނެތް: ސުއޫދު

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ވޯޓެއް ބާތިލްވާނެ ހާލަތްތައް ބަޔާންކުރާއިރު، ޗާޕުގެ ދެލި ހުރެގެން ވޯޓެއް ބާތިލްވާނެ ކަމަށް ގާނޫނުގައި ނެތް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލް މެންބަރުގެ ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިކިތަކެއް ހުރުމުން އެ ތިން ވޯޓު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުމުގަ އެވެ.

މި މައްސަލައަކީ ވޭވަށު ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން ނައީމަށް ލިބުނު ތިން ވޯޓެއްގައި ތިކިތަކެއް ހުރި ކަމަށް ބުނެ، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ހައި ކޯޓުން އެ ތިން ވޯޓު ބާތިލް ކުރުމާ ގުޅިގެން، އިންތިހާބުގެ ނަތީޖާ ބަދަލުވެ ނަޒީހަށް ގޮނޑި ލިބޭ ގޮތަށް ވަނީ ނިންމާފަ އެވެ. އެގޮތުން އަހުސަނަށް ކުރިން ލިބުނު 121 ވޯޓުން 118 އަށް މަދުވިއިރު، ނަޒީހަށް ލިބިފައިވަނީ 119 ވޯޓެވެ.

ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަމުން ސުއޫދު ވިދާޅުވީ ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ޗާޕުކުރުމުގެ ތެރެއިން އަރާފައިވާ ތިކިތަކެއް ކަމަށް ބުރަވެވޭ ކަމަށެވެ. "އެ ތިން ވޯޓު ކަރުދާހުގައި ވެސް ނޫކުލައިން ފާހަގަ ޖެހިއިރު، ތިކިތައް މި ހުރީ ކަޅު ކުލައިން. އީސީން އެބަ ފާހަގަކުރޭ ކަޅު ކުލައިގެ ގަލަމެއް ވައްދަން ފުރުސަތު ނުދެމޭ، ތިމަންނަމެން ޗެކްކުރަމޭ. އެ ކަމުން ވެސް ބުރަވެވެނީ އެއީ ޗާޕުކުރުމުގެ ތެރެއިން އަރާފައިވާ ތިކިތަކެއް ކަމަށް،" ސުއޫދު ވިދާޅުވި އެވެ. އަދި ޗާޕުކުރި ނޮވެލްޓީ ޕަބްލިޝާސްގެ ސިޓީގައި ވެސް ޗާޕުކުރުމުގައި ޖެހޭ ތިކިތައް ނައްތާލުމަކީ ނާދިރު ކަމެއް ކަމަށް ބުނެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސުއޫދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޗާޕުގެ ތިކިތައް ހުރެގެން ވޯޓު ބާތިލްވާނަމަ އެހެން ކެންޑިޑޭޓުންނަށް ލިބުނު ވޯޓުތަކަށް ވެސް އެ އަސަރު ކުރާނެ އެވެ. ސަބަބަކީ ނަޒީހަށް ލިބުނު ބައެއް ވޯޓު ކަރުދާސްތަކާއި އެހެން ގޮނޑިތަކުގެ ކަރުދާސްތަކުގައި ވެސް މިފަދަ ތިކިތައް ހުރި ކަމަށް އީސީން ބުނެފައިވާތީ އެވެ. އަދި ހަސްމަކު ނޭދޭ ފަރުވާއެއް ކޯޓަށް ހޯދައި ނުދެވޭނެ ކަމަށާއި، ނަޒީހުގެ ފަރާތުން އެދިފައިވަނީ އިންތިހާބު ބާތިލްކޮށް އަލުން ބޭއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޒީހުގެ ވަކީލު މި މައްސަލައިގައި ވިދާޅުވީ ވޯޓުލާ މަރުކަޒަށް ނޫކުލައިގެ ގަލަން ފިޔަވައި އެހެން ގަލަމެއް ނުވައްދާ ކަމުގެ ފުރިހަމަ ކަށަވަރުކަން އީސީއަށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން އެ ތިކިތަކަކީ ޔަގީންނުވާ ހާލަތެއްގައި ބޮޑަށް ބަލަން ޖެހޭނީ ގަސްތުގައި ޖަހާފައިވާ ތިކިތަކެއްގެ ގޮތުގައި ކަމަށް ވަކީލު ވަނީ ވަކާލާތު ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0