އޭއައި ބޭނުންކޮށްގެން ހެދި ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓު ކުރަން ފަށައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި "ސުޕަ އެންޓިޖަން" ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރަން ފަށައިފިއެވެ.
ކެމްބްރިޖް ޔުނިވަސިޓީގެ ދިރާސާ ޓީމަކުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، ކުރިމަގުގައި އަތުވެދާނެ ބޮޑެތި ބަލިމަޑުކަންތަކުން ދިފާއުވުމަށް ސައިންސްވެރިން ހޯދި އާ އުންމީދެކެވެ.
މި ވެކްސިން ފަރުމާކޮށްފައިވަނީ ވައިރަސްތައް އޭގެ ސިފަ ބަދަލުކުރި ނަމަވެސް، ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެ ސިފަތައް ދެނެގަނެވޭނެ ފަދަ މުޅިން އާ އީޖާދެއްގެ ގޮތުގައެވެ. ކެމްބްރިޖްގެ ދިރާސާވެރިން ވަނީ ތަފާތު ކޮރޯނާ ވައިރަސްތަކުގެ ޖެނެޓިކް ކޯޑުތައް އޭއައި މެދުވެރިކޮށް ދިރާސާކޮށް، ކޮވިޑްގެ ހުރިހާ ބާވަތްތަކަކާއި ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފެތުރިދާނެ ވައިރަސްތަކާ ދެކޮޅަށް ވެސް މަސައްކަތްކުރާނެ ގޮތަށް މި ވެކްސިން ތައްޔާރުކޮށްފައެވެ.
މި ދިރާސާގައި އިސްކޮށް އުޅުއްވާ ޕްރޮފެސަރު ޖޮނަތަން ހީނީ ވިދާޅުވީ، "މި އާ އީޖާދުގެ މައިގަނޑު ބޭނުމަކީ ބަލިމަޑުކަމެއް ފެތުރި މީހުން ބަލިވާންދެން މަޑުނުކޮށް، ކުރިއާލައި ރައްކާތެރިކަން ކަށަވަރު ކުރުން" ކަމަށެވެ. މިއީ މިއަދު ފެންނަން ހުރި ނުރައްކާތަކުގެ އިތުރުން މާދަމާ ކުރިމަތިވެދާނެ ބަލިތަކުން ވެސް ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ވެކްސިންގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތައް 39 މީހުން ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، ނަތީޖާއިން ދައްކާ ގޮތުގައި މިއީ ހަށިގަނޑަށް ރައްކާތެރި ވެކްސިނެކެވެ. ދެން އޮތް މަރުހަލާގައި 200 އެއްހާ މީހުން ބޭނުންކޮށްގެން އިތުރު ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ސައިންސްވެރިން މިހާރު ދަނީ މި ޓެކްނޮލޮޖީގެ އެހީގައި އިންފްލުއެންޒާ އާއި އެބޯލާ ފަދަ ނުރައްކާތެރި އެހެން ބަލިތަކަށް ވެސް ވެކްސިން ތައްޔާރުކުރަމުންނެވެ.
އާންމުކޮށް ވެކްސިންތައް އުފައްދަނީ ބަލިމަޑުކަމެއް ފެތުރެން ފެށުމުން އެއަށް ފިޔަވަޅު އަޅާ އުސޫލުން ކަމަށްވިޔަސް، އޭއައިގެ އެހީގައި މިހާރު މިވަނީ ވެކްސިން އުފެއްދުމުގެ ދާއިރާ "ފިއުޗާ-ޕްރޫފް" ނުވަތަ ކުރިމަގަށް އަމާޒުކޮށް ބަދަލުކޮށްލާފައެވެ. މީގެ ސަބަބުން ވައިރަހުގެ ސިފައަށް ބަދަލު އައި ނަމަވެސް، ކޮންމެ އަހަރަކު އާ ވެކްސިން ޖަހަންޖެހޭ ޖެހުން ނިމުމަކަށް އައުމުގެ އުންމީދު ބޮޑެވެ.
އިނގިރޭސިވިލާތުގެ ސައިންސް މިނިސްޓަރު ލޯޑް ވަލަންސް ވެސް ވަނީ މިއީ ސައިންސާއި އޭއައި ގުޅިގެން ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މި ވެކްސިން އަކީ ޚާއްސަކޮށް 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 އާއި ސާސް (SARS) ބަލި ފަތުރާ ވައިރަސްތައް ހިމެނޭ "ސާބެކޯ ކޮރޯނާ ވައިރަސް" ގްރޫޕަށް އަމާޒުކޮށްގެން އުފައްދާފައިވާ އެއްޗެކެވެ.






ރިއެކްޓް