ޚަބަރު , ސިޔާސީ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ސޯބެ ކާމިޔާބު ކުރައްވައިފި

6 ޖޫން 2026 - 19:03
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ސޯބެ ކާމިޔާބު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި މިއަދު ބޭއްވި ބައި-އިލެކްޝަން، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.

މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާއަށް ކުރިހޯއްދަވައި، ވިދިވިދިގެން ތިން ދައުރު އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ ސޯބެ ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. މި އިންތިހާބުގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސޯބެ ވަނީ 1375 ވޯޓު ހޯއްދަވާފައެވެ. ސޮޑާ އަށް ލިބިވަޑައިގަތީ ޖުމްލަ 1313 ވޯޓެވެ. 

އިންތިހާބު ސޯބެ ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. 

މިއަދުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބޭ 4121 މީހުންގެ ތެރެއިން 66.2 ޕަސެންޓު މީހުން ވަނީ ވޯޓު ލައިފަ އެވެ. އެއީ 2730 މީހުންނެވެ. 

މި ކާމިޔާބީއާއެކު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު ވަނީ 12 އިން 13 އަށް އިތުރުވެފައެވެ. އަދި ހަމައެއާއެކު، ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 75 އިން 74 އަށް ދަށްވެފައެވެ.

މިއަދުގެ އިންތިހާބަކީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބޭއްވުނު އިންތިހާބެކެވެ. ސޯބެއަކީ އައްޑޫ ސިޓީގެ ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0