އަންހެނެއް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ބަލަނީ
އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކައި، އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ 2026 ޖޫން 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތަށް ބަލާއިރު، އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އޭނާގެ ކުރީގެ ފިރިމީހާ ވަނީ އިންޒާރު ދީފައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން އިތުރަށް ސާފުކޮށްދީފައިވާ ގޮތުގައި، ހުށަހެޅިފައިވާ ޝަކުވާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވެއެވެ. އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް މި މައްސަލައިގައި ހިމެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.






ރިއެކްޓް