ޚަބަރު

ފެބްރުއަރީމަހު އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ޕާކިސްތާނުގެ މީހަކު ހައްޔަރުކޮށްފި

8 ޖޫން 2026 - 17:36
ފެބްރުއަރީމަހު އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ޕާކިސްތާނުގެ މީހަކު ހައްޔަރުކޮށްފި

މިދިޔަ ފެބްރުއަރިމަހު ރާއްޖެއަށް 36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ޕާކިސްތާނުގެ ރައްޔިތަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރެއްގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ޒަފަރު އަހްމަދު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު ރާއްޖެ އައި ބޯޓަކުން ގެނައި ޝިޕްމަންޓަކުން ފެނުނު 36 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާއަކީ މި ތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު މީހެކެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު 36 ކިލޯގެ މަސްތުވާތަކެއްޗަކީ ހަޝިޝް އޮއިލް ކަމަށް މައުލޫމާތު ލިބެއެވެ. ކަސްޓަމްސްއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 29 މިލިއަން ރުފިޔާއަށް އަރައެވެ. ޒަފަރު އަހްމަދު ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މި ބޮޑު މައްސަލައިގައި މީގެ ކުރިން ދެ ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ މާލެއަށް ނިސްބަތްވާ 35 އަހަރުގެ ވިޝާމް މުޙައްމަދާއި މ. މުލައް، މަދާރުގެ 26 އަހަރުގެ ޙަސަން މަފާޒެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވެސް މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ދިވެހިރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެނަމަ، އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ކަމަށްވާއިރު، އެ މުއްދަތު ތަންފީޒުކޮށް ނިމުމުން ބަންދުން ދޫކޮށްލަން ޖެހެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0